
އިޒްރާއީލްގެ ލާއިންސާނީ އަމަލުތައް މިދަނީ ރެކޯޑު ކުރަމުން، ބައިނަލްއަޤްވާމީ ކޯޓަށް ހުށަހަޅާނަން- ވަކީލުން
އިޒްރާއީލުގެ ލާއިންސާނީ އަމަލުތައް މިދަނީ ރެކޯޑު ކުރަމުން ކަމަށާއި، ހުރިހާ ރެކޯޑެއް ބައިނަލްއަޤްވާމީ ކޯޓުތަކަށް ހުށަހަޅާނެ ކަމަށް، ގްލޯބަލް ސުމުދް ފްލޯޓިލާގައި ދަތުރުކުރަމުންދާ ވަކީލުން ބުނެފިއެވެ.
ފްލޮޓިލާއާއެކު ދަތުރުކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ޙަސަން މަސްޢޫދު ބުނެފައިވަނީ، މެޑިޓެރޭނިއަން ކަނޑުގައި ދަތުރުކުރަމުންދާ ފްލޮޓިލާގެ ބޯޓުތަކަށް ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި ޚިލާފަށް އަރައި، އިޒްރާއީލުން އަމަލުކުރަމުންދާ ގޮތް ރެކޯޑު ކުރަމުންދާ ކަމަށެވެ. އަދި އދ ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
”އަހަރެމެން މިދަނީ ހުރިހާ ކެމެރާތަކަކުން ހުރިކާ ކަމެއް މޮނިޓަރކޮށް ބަލަމުން އަދި ރެކޯޑު ކުރަމުން. އަދި މިހާރު ހިފާފައިވާ ބޯޓުތަކުގެ އިތުރުން ވެސް އެތައް ބޯޓެއް މިވަގުތުވެސް ޣައްޒާއަށް ވަނުމަށް ދަތުރުކުރަމުންދާ ކަމުގެ ޔަގީންކަން ދެން. އެތަނުން އެންމެ ބޯޓަކަށް ޣައްޒާއަށް ދެވުނު ނަމަވެސް، އިޒްރާއީލްގެ ޙިޞާރު ފުނޑާލުމުގައި އަހަރެމެން ކާމިޔާބު ވާނެ.“ އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން އިޓަލީގެ ސިސިލީއިން ފުރައިގެން އިތުރު ފްލޮޓިލާއެއް ޣައްޒާއާ ދިމާލަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ހަސަން މަސްޢޫދު ވަނީ ބުނެފައެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ނިކަމެތި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އިންސާނީ އެހީގެ ތަކެއްޗާއެކު، އިޒްރާއީލްއިން ޣައްޒާގެ ރައްޔިތުންނަށް އަޅާފައިވާ ލާއިންސާނީ ޙިޞޯރު ނައްތާލައި، އެޤައުމަށް ދިއުމަށް އެތައް ޤައުމެއްގެ އެކްޓިވިސްޓުން އެއްވެ، ހިތްވަރާއިއެކު ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.



