
ގްލޯބަލް ސުމުދް ފްލޯޓިލާގެ ބޯޓުތަކަށް އަރައި، ބޯޓުތަކުގައި ތިބި މީހުން ހައްޔަރު ކޮށްފި
ޣައްޒާގެ ޙިޞާރު ފޫއަޅުވާލައި، އެހީގެ ތަކެއްޗާއެކު އެޤައުމަށް ދިއުމަށް ދަތުރުކުރި ގްލޯބަލް ސުމުދް ފްލޮޓިލާގެ 13 ބޯޓަކަށް އަރައި، އެބޯޓުތަކުގައި ތިބި މީހުން އިޒްރާއީލުގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާއިން ހައްޔަރުކޮށްފި އެވެ.
އިޒްރާއީލުން ފްލޮޓިއްލާއަށް ހުރަސްއަޅާފައި ވަނީ އެ އުޅަނދުތައް ޣައްޒާއާ 70 ނޯޓިކަލް މޭލަށް (130 ކިލޯމީޓަރު) ކައިރިވެފައި ވަނިކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ރޭ ދަންވަރު 3:30 ހާއިރު އެވެ. އަދި އެހާއިރުން ފެށިގެން ބޯޓުތަކާއި މުވާސަލާތީ ގުޅުންވެސް ވަނީ ކެންޑިފަ އެވެ. 500 އެކްޓިވިސްޓުންނާއެކު 44 ބޯޓު، އެހީގެ ތަކެއްޗާއެކު ޣައްޒާއަށް ދިއުމަށް ދަތުރުކުރަމުންދަނިކޮށް، އިޒްރާއީލުން މީގެ ކުރިން ވަނީ ބޯޓުތަކަށް ޑްރޯން ހަމަލާވެސް ދީފަ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިޒްރާއީލުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޖަރުމަނުގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތަންބާގް ވެސް ހިމެނެއެވެ. އަދި ބޯޓުތަކުން ހައްޔަރުކުރި މީހުން މިހާރުވަނީ އިޒްރާއީލުގެ އަސްކަރީ މަނަވަރަށް އަރުވައިގެން ގެންގޮސްފައެވެ. އެންމެ ފަހުން ލިބުނު މަޢުލޫމާތުތައް ބުނާގޮތުގައި، ބޯޓުތައް ހިފަހައްޓައި އެކްޓިވިސްޓުން ހައްޔަރު ކުރުމަށްފަހު، އެބޯޓުތަކުގައި ޣައްޒާއަށް ގެންދިއުމަށް ބަރުކޮށްފައިވާ ނެޕީ، ބޭބީ ފޯމިއުލާ، ފުރަތަމަ ފަރުވާގެ ބޭސް އަދި ގޮވާން ފަދަ އިންސާނީ އެހީގެ ހުރިހާ ސާމާނެއް، އިޒްރާއީލް ސިފައިން ވަނީ ކަނޑަށް އަޅާލާފަ އެވެ.
”އަސްކަރީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަންނަނީ“ ކަމަށްބުނެ ގްލޯބަލް ސުމުދް ފްލޮޓިލާގެ ބޯޓުތައް ހުއްޓުވަން ކުރެވުނު ހުރިހާ ކަމެއް ކުރާނެކަމަށް މީގެ ކުރިން ވެސް އިޒްރާއީލުން ވަނީ ބުނެފައެވެ. ޣައްޒާއަށް ދަތުރުކުރި ބޯޓުތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގައި ފްލޮޓިލާގެ 13 އުޅަންދެއް އިޒްރާއީލުގެ ބާރުގެދަށަށް ގެނެސްފައިވާއިރު، ދެންހުރި އުޅަނދުތަކަށް ވެސް ވަނީ ހުރަސްއަޅައި، މުވާސަލާތީ ގުޅުން އެއްކޮށް ކެނޑިފައެވެ.
ގްލޯބަލް ސުމުދް ފްލޮޓިލާގައި އޮބްސާވަރުން ދަތުރުކުރާ ބޯޓުދައި ދިވެހިރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ބައިވެރިންވެސް ދަތުރުކުރަމުން ގޮސްފައިވެއެވެ. އަދި މިފަރާތްތަކާވެސް މިހާރުވަނީ މުވާސަލާތީ ގުޅުން ކެނޑިފައެވެ.



