
ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފި
އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑު ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މުސާރަ ބޮޑު ކުރުމަށް ނިން ނިންމަވާފައިވާ 3 ދާއިރާއަކީ، ސިވިލް ސާވިސް، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުސާރަ އެވެ.
އެކްސްގައި އެމަނިކުފާނުގެ އަމިއްލަ އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ”ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ އުސޫލު (ޕޭ ހާމަނައިޒޭޝަން) ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލް ތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ“ ކަމަށެވެ.
މީގެ އިތުރުން މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ދަންނަވާފައިވެ އެވެ.
އަދި ވިދާޅުވެފައި ވަނީ، މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ކުރަން ނިންމަވާފައިވާ ކަމެއް ކަމަށާއި، މިފަރާތްތަކުގެ މިއަހަރުގެ މުސާރަ ބޮޑުވެގެންދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.



