
މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރު ކޮށްފި
މަސްތުވާ ތެކެތީގެ މައްސަލައެއްގައި ހުޅުމާލެއިން އަންހެނަކާއި 3 ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހާމަކޮށްފައިވާ ގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިމަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / މާވަސްގެ، އަޙްމަދު ސައްފާން (26އ) އާއި، މާލެ / ހމ. މާވަހަރު، ޝާނާ (32އ) އާއި، ފާރޫކް ޗޮކީދާރު / ބަންގްލަދޭޝް (50އ) އަދި ސަފިކް / ބަންގްލަދޭޝް (40އ) އެވެ.
އަދި މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝާނާ (32އ) 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



