
ބިދޭސީން ހޭލުންތެރިކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި
ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރާ ބިދޭސީން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަނަކާއި ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސް ފިއެވެ.
މި ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކޮށް ކުށުގެ މާހައުލުން ދުރުހެލިކުރުވުމަށާއި ކުށްތަކުން ރައްކާތެރިކުރުވުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި 300 އެއްހައި ބިދޭސީން ބައިވެރިވި އެވެ.
މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަނުގައި، އެއްގަމު އުޅަނދު ދުއްވާއިރު ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގައި އުޅޭއިރު ރައްކާތެރިކަމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަސައްކަތު ސައިޓުގައި އުޅޭއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންވީ ކަންކަން ކިޔައިދީފައިވެ އެވެ.
މީގެ އިތުރުން، ސްކޭމްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވާއިރު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ބިދޭސީންނަށް އެނގުން މުހިންމު ކަންކަން ވެސް ކިޔައިދީފައިވެ އެވެ.
ޓީމް ބިލްޑިންގ ހަރަކާތްތަކުގައި، ގުޅިގެން މަސައްކަތް ކުރުމާއި، އިހުތިރާމުކުރުމާއި، ވެރިންނަށް ކިޔަމަންވުމުގެ މައްޗަށް އަލިއަޅުވައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަށް ބިދޭސީންގެ ފަރާތުން ވަަރަށްބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.



