
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދު ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ފަށާ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ ބޮޑެތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީވެސް، އަމިއްލަ މަންފާ އިސްކުރުމުގެ ސަބަބުން މީގެ ކުރިން ޙައްލުނުކުރެވި، މޫލާފައިވާ މައްސަލަތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މި މައްސަލަތައް ޙައްލުކުރައްވާނީ، މޫނަށް ކަނދުރާއަށް ބެއްލެވުމެއް ނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމުގެ ޔަޤިންކަން އެމަނިކުފާނު ދެއްވި އެވެ.
އެގޮތުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ކޯޓުން އިއްވި ޙުކުމްތަކަށާއި، ދާދިފަހުން ތަޞްދީޤުކުރައްވައި ޢަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ކަމަށާއި، މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އެ ބިލު ހުށަހަޅުއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.



