
ކުލަބު އެމްސީއެލްޕީން އުންމީދު އައުކޮށްފި
ކުލަބު މޯލްޑިވްސް ކަޕް ކްލެސިކްގައި ރޭ ކުޅުނު މެޗު ކާމިޔާކޮށް މުބާރާތުގައި ކުރިއަށް ދެވިދާނެ ކަމުގެ އުންމީދު ކުލަބު އެމްސީއެލްޕީން އައުކޮށްފި އެވެ.
ހުޅުމާލޭ ފޭސް 1ގެ ރެހެންދި ފުޓްސަލް ދަ ނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗު 2 ލަނޑު 1 ލަނޑުން ދަރުމަވަންތަ ހޮސްޕިޓަލުގެ މައްޗަށް ކުލަބު އެމްސީއެލްޕީން ވަނީ ކުރި ހޯދައިފަ އެވެ.
މި މުބާރާތަށް ގަދަކޮށް ނުކުތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ރެކްރިއޭޝަން ކުލަބު (ކުލަބު އެމް.ސީ.އެލް.ޕީ) ރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުން ލިބުނު މާޔޫސްކަން ފިލުވައިލުމުގެ ވަރުގަދަ ޢަޒުމާއެކުގަ އެވެ.
ރޭގެ މެޗުގައި ފުތަމަ ލަނޑުޖަހައި ކުރި ހޯދީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޓީމުންނެވެ. ނަމެވެސް ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް އެމްސީއެލްޕީގެ ޓީމުން ލީޑް ނެގީ މެޗް ނިމެން ދާދި ކައިރިވެފައި ހުއްޓައެވެ. ކުލަބު އެމްސީއެލްޕީގެ ކެޕްޓަން ރިޒާ ލީޑް ނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭ މެޗް ނިމިގެން ދިޔައީ 2-1 އިން އެމްސީއެލްޕީ ރެކްރިއޭޝަން ކުލަބުގެ މޮޅުވެގެންނެވެ.
މުބާރާތުގެ 3 ވަނަ މެޗަށް ކުލަބު އެމްސީއެލްޕީ ނުކުންނަން ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. ބައްދަލުކުރާނީ ކުޅިވަރު ވުޒާރާގެ ކުލަބާ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު އެމްސީއެލްޕީ މޮޅުކޮށްދިން ލަނޑު ޖަހައި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިދެމުން އަންނަ ކުލަބު އެމްސީއެލްޕީގެ ކެޕްޓަން ރިޒާ އެވެ.
ކުޅިވަރު ވުޒާރާއާއެކު 22 ވަނަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ވެސް ޓީމުގެ ސަޕޯޓަރުން، ރެފްރީގެ އެންމެ ފަހު ކަށިގަނޑާ ހަމައަށް ސަޕޯޓުކުރުމުގައި ދެމިތިބޭނެއެވެ. އެ ކަން މި ދިޔަ އަހަރެކޭ އެއް ގޮތަށް މި އަހަރު ވެސް އެމްސީއެލްޕީގެ މުވައްޒަފުން އަންނަނީ ސާބިތުކޮށްދެމުންނެވެ.