ޚަބަރު ފީތާ

ދުނިޔެ ހިނގަމުންދާ އުސޫލަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލެވެން ނެތް: ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް: ފައިލް ފޮޓޯ

ދުނިޔެ ހިނގަމުންދާ އުސޫލަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން އަހަރުތަކެއް ހޭދަވެގެން ނިންމަމުން އައި މަޝްރޫއުތައް މަދު ހަފުތާތަކެއްގެ ތެރޭގައި މިހާރު ނިންމަމުން ގެންދާ ކަމަށެވެ.

އަދި ދައުލަތުގެ ބަޖެޓަކީ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭ ފަދަ ބަޖެޓަކަށް ވާންޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ބޭނުންވާ ތަރައްޤީ ބޭނުންވާ ހަލުވިމިނުގައި ނުގެންދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ގެދޮރުގެ ދަތިކަމަކީ ކުށް ކުރުމާއި އިޖްތިމާޢީ މައްސަލަތަކަށް ވަރަށް ބޮޑަށް މަގުފަހި ކުރާ ކަމެއް ކަމަށެވެ.

އެގޮތުން ”އެންމެ ނުވަތަ ދެ ކޮޓަރި އެޕާޓްމެންޓެއްގައި ދެ ފެމިލީ ނުވަތަ ތިން ފެމިލީ އުޅޭއިރު ޒުވާނުންގެ އިހުސާސްތައް ހުންނާނެ ގޮތް ވިސްނަވާ. ތުއްތު ކުދިންގެ އިހުސާސް ހުންނާނެ ގޮތް ވިސްނަވާ. މިހާ ދަތި ހާލުގައި އުޅޭ ކަމަށް ވަންޏާ އެކިއެކި ކުށްތަކަށް އަރައިގަތުމުގެ ވިސްނުން އަންނާނެ. އަދި މި ކުދިންގެ ނާޖާއިޒް ފައިދާ ނަގާނެ ބަޔަކު އަބަދުވެސް އުޅޭނެ،“ ދުވާފަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އަދި މާލޭގައި ޕާކުތަކާއި މައިޒާންތައް ސަރުކާރުން އިތުރު ކުރުމަކީވެސް އޭގެ ސަބަބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

 

Rate this post