
މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކާމެދު ކޮންމެ މީހަކުވެސް ފިކުރު ކުރަންޖެހޭ – ހުކުރު ޚުޠުބާ
ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކަކީ އެއާއިމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައި ފިކުރު ކުރަން ޖެހިފައިވާ ކަމެއްކަމަށް މިއަދުގެ ހުލުރު ޚުޠުބާގައި ބުނެފ ިއެވެ.
ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމަޢަށް އިޖްތިމާޢީ ގޮތުންނާއި އަޚްލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާއިމެދު ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައި ފިކުރު ކުރަން ޖެހިފައިވާ ކަމެއްކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިހަފްތާގެ ހުކުރު ޚުތުބާ ދެއްވާފައިވަނީ ”މުޖްތަމަޢު އިސްލާޙު ކުރުން، އެންމެންގެ ޒިންމާ“ މި މަޢުޟޫޢުއަށެވެ. މިޚުތުބާގައި މުޖުތަމަޢުގައި މިހާރު ހިނގައި ނޭދެވޭ އެކިއެކި ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި މައިންބަފައިންނަށް އުރެދި އެބައިމީހުންނަށް ނުކިޔަމަންތެރިވުން ހިމެނެއެވެ. އަދި އެބައިމީހުން މުސްކުޅިވި ދުވަހު އެބައިމީހުންނަށް ބޭނުންވާ އޯގާތެރިކަމާއި އެހީތެރިކަން ނުދިނުމެވެ.
މިމަޢުޟޫއަށް އިތުރަށް ޚުތުބާގައި ބުނެފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ ޢުމުރުގައި ބަރަކާތް ލައްވާނެ ކަމެއް ކަމުގައާއި، އެއީ ބާއްޖަވެރި ކަމުގެ ތަޅުދަނޑި ކަމުގައެވެ. އަދި ސުވަރުގެ ވަނުމުގެ ދޮރެއް ކަމުގައެވެ. މައިންބަފައިންގެ ދުޢާއަކީ ވަރަށް މުހިއްމު ބޭނުންތެރި ހަތިޔާރެއްކަމަށް ބުނެދެއްވައި، މައިންބަފައިންނަށް ހެޔޮކޮށްހިތާ މަންމައާއި ބައްޕަގެ ރުހުން ލިބިއްޖެ މީހަކު އެމީހަކަށް މެދުވެރިވާ އެތައް މުސީބާތަކުން މާތް ﷲ އެމީހަކު ސަލާމަތް ކޮށްދެއްވާނެ ކަމަށް ބުނެފައިވެއެވެ.
މުޖުތަމަޢުގައި އިސްލާޙުކުރަން ހުރި އިތުރު ކަންތައްތަކަށް ބަލާލައި ޚުތުބާގައި ބުނެފައިވަނީ، މިސްކިތްތަކުގެ ހުރުމަތް ކަނޑާލުމަކީ ވެސް މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންތައްތަކުގެ ތެރެއިން ސިފައެއް ކަމުގަ އެވެ.
”އަހަރެމެންގެތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަގޮތަކީ، ނަމާދުކޮށްގެން ފައިބައި، މިސްކިތުގެ ދޮރާށިކައިރީގައި ތިބެ، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޣައިބު ކިޔުމާއި، ޖަދަލު ކުރުމާއި، ހަޑިހުތުރު އެއްޗެހި ގޮވުމާއި، ޒުވާބު ކުރުމާއި، މީސްތަކުންގެ އަބުރާއި ބެހުމާއި، ދޮގު ވާހަކަތައް ފެތުރުމާއި، މިފަދަ ކަންކަން ކުރުމެވެ. މިފަދަ މީހުންނަށް އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދު ކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގާލައި، އެނބުރި ގެއަށް ދަނީއެވެ. މިކަންކަމާމެދު ވިސްނާލާކަށް ނުވޭހެއްޔެވެ؟“ ޚުތުބާގައި ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހައްޤަށް އެނބުރި އައުމަށް ނަސޭޙަތްތެރި ވެފައިވެއެވެ.
މީގެއިތުރުން ވިޔަފާރީގައި ތެދުވެރި ވުމަށްވެސް ޚުތުބާގައި ނަސޭޙަތްތެރި ވެފައިވެއެވެ. އެގޮތުން ވިޔަފާރީގައި މަކަރުހެދުމަކީ މާތް ﷲ ލަޢުނަތް ލައްވާފައިވާ ކަމެއްކަން ބުނެދެއްވައި، މާތް ﷲ ރުހިވޮޑިގެންވާ މަގުން މުދާ ހޯދުމާއި، އެއާއިމެދުގައި އަމާނާތްތެރި ވުމަކީ، މާތް ﷲ މުދަލުގައި ބަރަކާތް ލައްވަވައި، އިންސާނާގެ ދަރިފަސްކޮޅަށް އެމުދާ ވާތުރަ ކުރާނެ ކަމެއްކަމުގައި ބުނެދެއްވާފައިވެ އެވެ.
އަހަރެމެންގެ މުޖުތަމަޢު ގޯސްވުމުން އެވާހަކަ އަހަރެމެންގެ ދޫތަކުން ދައްކާއިރު، އެކަންކަން އިސްލާޙު ކުރުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަނީ ކިތައްމީހުންތޯ ސުވާލު އުފައްދާފައިވެ އެވެ.
”ނަމާދު ވަގުތުތައް ފާއިތުވެދާއިރު، ނަމާދު އަޅާފައި ކުޅިވަރު ކުޅުމަށް ޒުވާނުންނާއި ކިޔަވާކުދިންނާއި އަހަރެމެންގެ ޅަދަރީން މައިދާނަށް ދޫކޮށްފައިވަނީ އަހަރެމެން އަމިއްލައަށެވެ. ނަމާދު އަޅާފައި ދުނިޔަވީ ކަންކަމުގައި މަޝްޢޫލުވެ ތިބެނީވެސް އަހަރެމެން އަމިއްލައަށެވެ.“
މުޖުތަމަޢުގައި އިސްލާޙު ކުރުމަށްހުރި ގިނަގުނަ ކަންތައްތަކެއް ފާހަގަ ކުރައްވައި، އެކަންކަން އިސްލާޙު ކުރުމަށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް، އަދި ދީނީ ކަންތައްތަކަށް އެންމެ އިސްކަމެއް ދިނުމަށް ޚުތުބާގައި ނަސޭހަތްދެއްވައި، ވަސިއްޔަތް ކުރައްވާފައިވެ އެވެ.



