
މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ ޙަރަކާތެއް
ރައްކާތެރިކަމާއެކު މަގު ހުރަސް ކުރުމަށް އާންމު ރައްޔިތުންނަށް ހަނދާންކޮށްދީ ހޭލުންތެރިކުރުމަށް މާލެ ސަރަހައްދުގައި ހަރަކާތެއް ފަށައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމަށް އާންމު ރައްޔިތުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަރަކާތެއް ފަށާފައިވާ ކަމަށެވެ.
މި ހަރަކާތް މާލޭގައި ފައްޓަވައި ދެއްވީ މާލެ ޕޮލިސް ކޮމާންޑުގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް އެވެ.
މީގެ އިތުރުން ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ. އަދި މި ހަރަކާތް ހުޅުމާލޭގައި ފައްޓަވައިދެއްވީ ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އެވެ.
ފުލުހުންނާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރެއިން މަގު ހުރަސްކުރާއިރު ފުރަތަމަ މަގުގެ ކަނާތްފަރާތް ބަލައި ރައްކާތެރިކަން ކަށަވަރުކޮށް މަގު ހުރަސްކުރުމަށް އާއްމުންނަށް ހަނދާން ކޮށްދިނުމަށްޓަކައި މާލެގެ ވަށައިގެންވާ ރިންގް ރޯޑާ، މާލޭގެ ބައެއް ބޮޑެތި މަގުތަކުގެ އިތުރުން ހުޅުމާލޭގައި އެކި މަގުތަކުގައި ކުރަހާފައިވާ ކަފިހި ހުރަސްތަކުގައި ފުރަތަމަ ކަނާތް ފަރާތް ބެލުމަށް (LOOK RIGHT →) މިގޮތަށް ކުރަހަމުން ގެންދާނެ އެވެ.



