
ބެޓިކް ހެދުމުގެ ބާނީ ”ބޮޑާބެ“ ދަންނަމުތޯ!
ނޯޓް: ތިރީގައިވާ ލިޔުންކޮޅަކީ ދިވެހި އާކައިވްސްއިން މަޢުލޫމާތު ނަގައި، ނަކަލުކޮށްފައިވާ ލިޔުންކޮޅެކެވެ.
މިއީ މާލޭގައި އިހުގައި އުޅުނު ޝަޚްޞިއްޔަތެއް ކަމަށްވާ ”ބޮޑާބެ“ އެވެ. ބޮޑާބެގެ އަސްލު ނަމެއް ނޭނގެއެވެ. ބޮޑާބެއާ ގުޅުވައިގެން ކިޔާ ޝުކުރިއްޔާއެއްގެ ވާހަކައެއް އޮވެ އެވެ.
އޭނާ ލައްވައި ބުރަ މަސައްކަތެއް ކުރުވާފައި އަގެއް ނުދީ ދިން ޝުކުރިއްޔާއެއްގެ ވާހަކައެވެ. މަސައްކަތުގެ އަގެއްގެ ބަދަލުގައި ޝުކުރިއްޔާއެއް ދީ ފުއްދާލާނަމަ، މަސައްކަތެއް ހަވާލުކުރީމާ އެމަސައްކަތެއްގެ ބަދަލުގައި ވެސް ޝުކުރިއްޔާއަކުން ފުއްދާލެވެންވާނެ ވާހަކަ އެވެ.
ބޮޑާބެ ދުށް މީހުން ބުނާ ގޮތުން ބޮޑާބެއަކީ އެޒަމާނުގެ އެހެން މީހުންނާ ޚިލާފަށް ހެދުން އަޅައިއުޅުނު މީހެކެވެ. އޭނާ ލައިއުޅުނީ ތަފާތު އެކި ކުލަކުލައިގެ ފޮތިތައް ގުޅުވައިގެން ފަހާފައި ހުންނަ ގަމީހެވެ. މިގޮތުން އޭނާގެ ގަމީސް ފެހުމަށްޓަކައި ފަހާ މީސްމީހުން ކައިރިއަށާއި ފަހާ ތަންތަނަށް ގޮސްގެން، އަންހެނުންގެ ހެދުމާއި ފިރިހެނުންގެ ގަމީސް ކަނޑައިގެން ބާކީވެފައި ހުންނަ ކޮޅުދާލި ފޮތިތައް އެއްކުރުމަކީ އޭނާގެ އާދައެކެވެ. އޭނާގެ ގަމީސްތަކަކީ މިފަދަ ކޮޅުދާލި ފޮތިތައް ގުޅުވައިގެން ފަހާފައި ހުންނަ ވަރަށް ތަފާތު، ކުލަގަދަ ގަމީސްތަކެކެވެ. މި ހިއްސާކުރި ފޮޓޯއަކީ އޭއައި ބޭނުންކޮށްގެން ކުލަކޮށްފައިވާ ކަޅާއިހުދުގެ ފޮޓޯއެކެވެ. މިފޮޓޮއިން ވެސް އޭނާގެ ގަމީހުން އެކަން އަންދާޒާކޮށްލެވޭނެ އެވެ.
މި މައުލޫމާތު ނެގި ”ދުށްތަނާ އިވުނުއަޑުގެ ހަނދާންހުރި ބައި 1“ ގައި، ނޮވެލްޓީ އަލީ ހުސައިން ލިޔުއްވާފައި އޮންނަ ގޮތުން ބޮޑާބެއަކީ ބެޓިކް ހެދުމުގެ ދިވެހި ބާނީއެވެ. މަރްޙޫމުގެ ފާފަތައް ފުއްސަވައި ހެޔޮރަހުމަތްލައްވާށި! އާމީން