
ކުޅިވަރު ހަރަކާތްތަކުން އިސްރާއީލް ބޭންކުރުމަށް ސްޕޭންއިން ގޮވާލައިފި
ބައިނަލްއަޤްވާމީ ކުޅިވަރު ހަރަކާތްތަކުން އިސްރާއީލް ބޭންކޮށް މަނާކުރުމަށް ސްޕޭންގެ ބޮޑުވަޒީރު ގޮވާލައްވައިފި އެވެ.
ސޯޝަލިސްޓް ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފާއިތުވި ހޯމަދުވަހު ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެފައިވަނީ، 2022 ވަނަ އަހަރު ޔުކްރޭން ހިފުމަށް ރަޝިޔާއިން ދިން ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ރަޝިޔާ ބޭންކުރި ފަދައިން، ޤައްޒާގައި ހިންގާ ޤަތުލުއާންމުގެ ސަބަބުން އިޒްރާއީލްވެސް އެފަދަ ހުރިހާ ހަރަކާތަކުން ބޭރުކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
”އިޒްރާއީލުން ބައިނަލްއަޤްވާމީ ކުޅިވަރުތަކުގައި ބައިވެރިކުރުން އެއީ އަހްލާޤީ ގޮތުން އެންމެ ރަނގަޅު ކަމެއްތޯ ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން ވިސްނާލަންޖެހޭ. ރަޝިޔާއިން ޔުކްރޭންއަށް ގަދަކަމުންއަރައި އެޤައުމު ހިފުމަށް މަސައްކަތް ކުރުމުން ކުޅިވަރުތަކުގައި ރަޝިޔާ ބައިވެރިވުން މަނާކޮށްފައި، ޣައްޒާގައި ކުރަމުންދާ ޤަތުލުއާންމުގެ ސަބަބުން އިޒްރާއީލް ކުޅިވަރުތަކުގައި ބައިވެރިވުން މަނާނުކުރެވެންވީ ކީއްވެ؟“ ސަންޗޭޒް ސުވާލު އުފައްދަވާފައިވެ އެވެ. އަދި ދެޤައުމުންވެސް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ނިމުމެއް ނުގެންނަހާ ހިނދަކު، ދެޤައުމުންވެސް އެއްވެސް ކުޅިވަރެއްގައި ބައިވެރިވުން މަނާކުރުން އެއީ އެންމެ އިންސާފުވެރިގޮތް ކަމަށްވެސް ސަންޗޭޒް ވިދާޅުވެފައިވެ އެވެ.
ސަންޗޭޒްގެ މިވާހަކަކޮޅާއި ދެކޮޅަށް އިޒްރާއީލްގެ ޚާރިޖީ ވަޒީރު ބުނެފައިވަނީ، ސަންޗޭޒްއަކީ ޔަހޫދީންނާއި ދެކޮޅު ދޮގުވެރިއެއް ކަމަށާއި، ޣައްޒާއަށް ދެމުންދާ ޙަމަލާތަކާއި ދެކޮޅަށް ދައްކާފައިވާ ވާހަކަތަކަކީ ޔަހޫންދީންނާއި ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
ބޮޑުވަޒީރު ސަންޗޭޒް މިހެންވިދާޅުވެފައިވާއިރު، މެޑްރިޑްގައި އޮތް ބައިސްކަލު ރޭހުގައި އިޒްރާއީލުން ބައިވެރިވެފައިވާތީ އެކަމާދެކޮޅަށް އަޑުއުފުލާ ހަޅުތާލުކުރި ފަލަސްތީނުގެ ސަޕޯޓަރުން ފުލުހުން ވަނީ ރޭސް ކުރިއަށްދިޔަ ވަގުތު ހައްޔަރުކޮށްފަ އެވެ.



