
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި
ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. މި ސަމިޓް ކުރިއަށްދިޔައީ މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ޢަރަބި – އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވި އެވެ.
އެ މަނިކުފާނުގެ ތަޤްރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި ސިފަކުރެއްވި އެވެ. އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުންދެއްވައި އެގޮތުގައި ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އިސްރާއީލުން ޤަޠަރަށް ދާދި ފަހުން ދިން ޢުދުވާނީ ޙަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.
އަދި ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި، ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
މީގެ އިތުރުން، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް ދެ ޤައުމުގެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
އަދި އެކި ދާއިރާތަކުން ޤަޠަރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމަށްޓަކައި، ޤަޠަރުގެ އަމީރަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި ސަމިޓަކީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން އެއްވެ، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގްވާމީ ގާނޫނުތައް ހިފެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މުސްލިމު އުއްމަތުގެ ޤައުމުތަކުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރފުޅުގެ ސަބަބުން ރާއްޖެއާއި ޤަތަރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެއިތުރުން، މިއީ ދިވެހިރާއްޖެއިން އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާޢުގައްޔާއި، އިސްތިޢުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤަށް ގޮވާލައި އަޑުއުފުލުމަށް ލިބުނު ފުރުޞަތެކެވެ.