
ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓަކަށް ރައިސް ޤަތަރަށް ފުރާވަޑައިންފި
ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ފުރާވަޑައިގަންނަވައިފި އެވެ.
ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކުރިއަށްދާ މި ސަމިޓަކީ މިމަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ މި ސަމިޓެކެވެ. އަދި މިސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަކީ، ދިވެހިރާއްޖެއިން ޤަޠަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެކެވެ. އަދި އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް ބާރުދޭ ކަމެކެވެ.
މި މުނާސަބު ވަގުތުގައި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ އެވެ.