
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރަން ފަށައިފި
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައި ތަޢާރަފްކުރި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ގުޅީފަޅުން ދުކުރާ ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. އަދި، ގުޅީފަޅުގައި ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ހުރި ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން، އެ ބިންތައް ވެސް ވެރިފަރާތާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިކަމާއި ބިމާބެހޭ ވުޒާރާއިން ހާމަކޮށްފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމަށްޓަކައި، އެސަރަޙައްދު ސާފުކޮށް އިންވަކިކުރުމުގެ މަސައްކަތް މިމަހުގެ 3ވަނަ ދުވަހު ވަނީ ފަށާފައި ކަމަށެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލަކާއި ގުޅިގެން އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ލިބުނު ގޯތީގެ ގުރުއަތު އަލުންވަނީ ނަގާފަ އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ގުޅިފަޅުގައި ސޯޝަލް ހައުސިންގއަށް ބޮޑު ސަރަޙައްދެއް ކަނޑައަޅައި، އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭނުންވާނެ ބިންތައްވެސްވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ސިއްޙީ ޚިދުމަތާއި އިންޑަސްޓްރިއަލް މަސައްކަތްކުރުމަށާއި، ސިޓީހޮޓާ ތަރައްޤީކުރުމަށްވެސް އެކި ސަރަޙައްދުތައްވަނީ ކަނޑައަޅާފަ އެވެ.
ހަމައެއާއެކު އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ހިތްގައިމު މާޙައުލެއް ޤާއިމުކުރުމަށްޓަކައި އާންމު އިޖުތިމާޢީ އެކި ސަރަޙައްދުތަކާއި، ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ތަރައްޤީކުރުމަށްވެސްވަނީ ލޭންޑް ޔޫސް ޕްލޭންގައި ހަމަޖެހިފައިވެ އެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކޮށް ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.