
ޤަވާއިދާ ޚިލާފަށް ހިންގަމުންދިއަ ކެފޭއަކުން 3 ބިދޭސީން ހައްޔަރުކޮށްފި
މާފަންނުގައި ބިދޭސީއަކު އިސްވެ ހުރެ ޤަވާއިދާ ޚިލާފަށް ހިންގަމުންދިއަ ކެފޭއަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ހިންގައިފި އެވެ.
މި ރެއިޑް އޮޕަރޭޝަން ހިންގީ މި މަހުގެ 12ވަނަ ދުވަހު އެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މާފަންނުގައި ބިދޭސީއަކު އިސްވެ ޤަވާއިދާ ޚިލާފަށް ހިންގަމުންދިއަ ކެފޭއަކަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށް ގެންދިއަ ރެއިޑް އޮޕަރޭޝަނެއްގައި ޤަވާއިދާ ޚިލާފަށް ސައްޚަ ވިސާއެއް ނެތި އުޅެމުންދިއަ 2 ބިދޭސީ ފިރިހެނަކާއި ބިދޭސީ އަންހެނެއް ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ވަނީ މި މަހުގެ 9ވަނަ ދުވަހު ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައެވެ. އަދި މި ރެއިޑުގައި ޤަވާއިދާ ޚިލާފަށް ސައްހަ ވިސާއެއްނެތި އުޅެމުންދިއަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.