
އެންމެންގެ އަޖަލު ލިޔުއްޔާފައިވަނި ކޮންއިރަކުކަން އެނގޭތަ؟
އުޑުތަކާއި ބިން ޚަލްޤު ކުރެއްވުމުގެ 50،000 އަހަރު ކުރިން ﷲ ސުބަހާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ އަޖަލުވަނީ ކަނޑައަޅުއްވާފަ އެވެ.
މަރާއި މަރުގެ ސަކަރާތާއި ބެހޭގޮތުން ގިނަގުނަ މަޢުލޫމާތުތެއް ހާމަކޮށްދީ، ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޮޑު ދަރުހެއް ބާއްވައިފިއެވެ.
”ލޯ މަރާލަން ޖެހޭނޭ:: ނަމުގައި ރޭ 21:00 ގައި ބޭއްވި މިދަރުސްގައި ވާހަކަފުޅު ދައްކަވާފައިވަނީ ޖަމިއްޔަތުއް ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުއެވެ.
މިދަރުހުގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވެފައިވަނީ، އަޅުގަނޑުމެންގެ ކުރިމަތީގައިވާ އެންމެ ބޮޑު ޔަގީންކަމަކީ އަޅުގަނޑުމެންގެ ލޯ މަރާލަން ޖެހުން ކަމަށާއި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާއި ކަނޑައެޅިގެން ބައްދަލު ކުރާނެ ވަގުތަކީ އެއީ ކަމުގައެވެ.
މަރުގެ ޔަޤީންކަމާއިމެދު ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވެފައިވަނީ “ އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނަގެ ތަޢުލީމީ ހަޔާތް ފުރިހަމަކޮށް، އޭނާ އެބޭނުންވާ މިންވަރަކަށް ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު އޭނާއަށް ލިބިދާނެ، ނުވަތަ ނުލިބިދާނެ. އޭނާ ހިތްއެދޭ ބައިވެރިއަކާއި ޒަވާޖީ ގޮތުން ގުޅުމުގެ ފުރުސަތު ލިބިދާނެ، ނުވަތަ ނުލިބިދާނެ. އޭނާ ދިރިއުޅެން ބޭނުންވާ ފެންވަރުގެ ގެއެއް ބިނާކުރަން ލިބިދާނެ ނުލިބިދާނެ. އޭނަ ހޯދަން ބޭނުންވާ ފެންވަރުގެ ވަޒީފާއެއް ލިބިދާނެ، ނުލިބިދާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާއި ކަނޑައެޅިގެން ބައްދަލު ކުރާނެ ވަގުތަކީ އެއީ ޔަގީން ކަމުގެ ވަގުތު.“ ކަމުގައެވެ.
އަދި ދިރުން އައި ކޮންމެ އެއްޗަކީ މަރާއި ބައްދަލުކުރާނެ އެއްޗެއް ކަމަށާއި މަރުނުވެ ހަމަހިލާ އެކަކުވެސް ނުދާނެކަމަށް އައްޝައިޚް އަބްދުއްސަލާމް ވިދާޅުވިއެވެ.
ﷲ ސުބަހާނަހޫ ވަތަޢާލާ އެކަލާންގެ ކަލާމްފުޅުގައި މިމަރު ސިފަކުރައްވާފައިވަނީ މުސީބާތެއް ގޮތުގައި ކަމަށް ބުނެދެއްވައި އައްޝައިޚް ވިދާޅުވެފައި ވަނީ، ﷲ ސުބަހާނަހޫ ވަތަޢާލާ މަރަށް މުސީބާތުގެ ނަމުން ނަންދެއްވިއިރު ޢިލްމުވެރިން ވިދާޅުވަނީ، މަރުގެ މުސީބާތައްވުރެ ބޮޑުވެގެންވާ މުސީބާތަކީ، އެމަރު އައިސް ތިބާއާއި ބައްދަލުކުރާނެ ކަމާމެދުގައި ތިމާ ޣާފިލުވެފައި ހުރުމުގެ މުސީބާތް ކަމުގައެވެ.
”ދުނިޔަވީ ޒީނަތްތަކުގައި މީސްތަކުންޖެހި ޣާފިލުކަމުގެ ތެރެއަށް ގޮސްފައިވާ މިފަދަ ދުވަސްވަރެއްގައި މިފަދަ ޒަމާނެއްގައި، އަޅުގަނޑުމެން އެމަރުގެ ވާހަކަ ދައްކަން ހުއްޓިލުމަކީ އެއީ ހަޤީޤަތުގައި ވެސް އަޅުގަނޑުމެންނަށް ﷲ ސުބަހާނަހޫ ވަތަޢާލާ ދެއްވި ބޮޑު ނިޢުމަތެއް. ﷲ ސުބަހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ސާފު ޚަބަރުން ޚަބަރު ކުރައްވާފައިވަނީ، ފުރާނަ ލެއްވުނު ކޮންމެ ނަފްސަކީ އެއީ މަރުގެ ރަހަ ދެކޭނެ ނަފްސެއް ކަމަށެވެ.“
މިދަރުހުގައި މަރަށް ތައްޔާރުވުމަށް ގިނަގުނަ ނަސޭހަތްތަކެއް އައްޝައިޚް ޢަބްދުއްސަލާމް ވަނީ ދެއްވާފައެވެ. އެގޮތުން ޝައިޚް ވިދާޅުވެފައިވަނީ އަޅުގަނޑުމެންނާއި އަޖަލު އައިސް ބައްދަލުކުރާހިނދު އަޅުގަނޑުމެންނަށް އެއްވެސް ވަގުތެއް ނުލިބޭނެ ކަމަށާއި، އެއީ ކަނޑައެޅިފައިވާ ވަގުތެއް ކަމަށެވެ. އަދި އެވަގުތުކޮޅަކީ ހިނދުކޮޅެއް ވެސް ލަސްވުމެއް އަދި ހިނދުކޮޅެއްވެސް އަވަސްވުމެއް ނުވާ ވަގުތުކޮޅެއް ކަމަށެވެ.
”އެވަގުތުކޮޅަކީ އެއީ އަޅުގަނޑުމެންގެ ފުރާނަ ހިއްޕެވުމަށް ވަޑައިންނަވާ މަލާއިކަތާއަކީ ކުޑަވެސް ހިނދުކޮޅަކަށް ފަސްޖެހިވަޑައިންނަވާނެ ބޭކަލެއްނޫން. އެބޭކަލެއްގެ ހިތްޕުޅުގައި ވަނީ އެބޭކަލެއްގެ ރައްބު ޖައްލަޖަލާލުހޫ ޞުބްހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވެ ވަޑައިންނެވުން. އެކަލޭގެފާނަކީ މީހެއްގެ އުމުރުގެ ދޯށީކަމަށްޓަކައި އެމީހަކާއި އެމީހެއްގެ އަޖަލު އައިސް ހަމަވާހިނދުގައި މަޑުކުރައްވާނެ ބޭކަލެއްނޫން. މީހެއްގެ ބަލިހާލަށްޓަކައި އެމީހަކާއި މަޑުކުރައްވާނެ ބޭކަލެއް ނޫން. އެކަލޭގެފާނަކީ ހުވަފަތް ވެގެންދާނެ އަންހެނަކަށްޓަކައި އެއަންހެނާގެ ފިރިމީހާގެ ފުރާނަ ހިއްޕެވުން ލަސްކުރައްވާނެ ބޭކަލެއް ނޫން. ޔަތީމު ވެގެންދާނެ ތުއްތު ތުއްތު ކުދިންނަށްޓަކައި އެކުދިންގެ ބައްޕަގެ ފުރާނަ ހިއްޕަވާ ވަގުތު އައިސް ޖެހޭހިނދު ފުރާނަ ހިއްޕެވުން ލަސްކުރައްވާނެ ބޭކަލެއް ނޫން. ތަފާތެއް ނެތި އެމީހެއްގެ ވަގުތު އައިސް ޖެހޭހިނދު ލަސްކުރުމެއްނެތި އެމީހެއްގެ ފުރާނަ ހިއްޕަވާނެ. އެކަލޭގެފާނަށް ވަދެވަޑައިނުގެންނެވޭނެ އެއްވެސް ތަނެއް ނޯންނާނެ، އެކަލޭގެފާނަކީ އެއްވެސް ދޮރާއްޓެއްގައި ޓަކި ޖައްސަވާނެ ބޭކަލެއް ނޫން، އެކަލޭގެފާނު ވަޑައިންނަވާނީ ﷲ ސުބަހާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ދެއްވަވާފައިވާ ވަގުތަށް އެމީހެއްގެ ފުރާނަ ވަގުތުން ވަގުތަށް ހިއްޕެވުމަށް.“
މަރުގެ ވަގުތު ލައްވާފައިވަނީ ކޮންމެ މީހަކަށް ކަނޑައެޅި ބަޔާންވެ ސިއްރު ކުރެވިފައިވާ ވަގުތެއްގެ ގޮތުގައި ކަމަށްވެސް އައްޝައިޚް ޢަބްދުއްސަލާމް ބުނެދެއްވި އެވެ. އަދި އެއީ އަޅުގަނޑުމެން ދުނިޔެއަށް އައުމުގެ ކުރިން އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު އެމީހެއްގެ މައިމީހާގެ ރަހިމުގައި އަށަގަތީއްސުރެ އެހިނގައިދާ މުއްދަތުގެތެރޭގައި ކޮންމެމީހަކަށް ކަނޑައެޅިގެންދާ ކަނޑައެޅުމެއް ކަމަށާއި، ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން އުޑުތަކާއި ބިން ޚަލްޤު ކުރެއްވުމުގެ 50،000 އަހަރު ކުރިން ﷲ ސުބަހާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ އަޖަލުވަނީ ކަނޑައަޅުއްވާފައި ކަމުގައިވެސް އައްޝައިޚް ބުނެދެއްވި އެވެ.
”މަރުގެ ވޭނާއި މަރުގެ އުނދަގުލަކީ ކޮންމެ މީހަކާވެސް ކުރިމަތިލާނެ ކަމެއް. މަރުގެ އުނދަގޫ ކޮންމެ މީހަކާވެސް ކުރިމަތިލާއިރުގައި، މީހެއްގެ ހެޔޮކަމަކުން، މީހެއްގެ ނުބައި ކަމަކުން އެއުނދަގޫ ލުއިވެ އަދި ބުރަވުމަކީ އެއީ ތަފާތު ކަމެއް.“ އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވި އެވެ.
ގިނަ ބަޔަކު ދަރުސް އަޑުއެހުމަށް އާޓިފިޝަލް ބީޗަށް ހާޒިރުވި މި ދަރުސް ވަނީ ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖުންނާއި ދާރިސް ޓީވީއިން ވަގުތުން ލައިވް ވެސް ކޮށްފަ އެވެ.