
ވަޒީރު ރާފިޢު ހޭންޑްބޯލް ފިރިހެން ޓީމަށް ޖާޒީ ޙަވާލުކޮށްދެއްވައިފި
އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ 17 އަހަރުންދަށުގެ ފިރިހެން ޓީމަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފި އެވެ.
ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއަން 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 15 އިން 25އަށް އުރުދުންގެ ވެރިރަށް އައްމާންގަ އެވެ.މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން 9 ގައުމަކުން ވާދަކުރާނެއެވެ. އެއީ ކުވައިތު، ބަހްރެއިން، ހޮންކޮންގް، ޖޯޑަން، ޗައިނީސް ޓައިޕޭ، އިންޑިއާ، ދެކުނު ކޮރެއާ، އީރާން، އަދި ސީރިއާ އެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް، އޭޝިއާ ތަމްސީލުކުރާނީ އޮކްޓޯބަރު 24 އިން ނޮވެމްބަރު 1 އަށް މޮރޮކޯގައި ބާއްވާ ފުރަތަމަ ވޯލްޑް 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕްގަ އެވެ.