
ސެޓިފައިޑް ޓްރެއިނަރ ކޯހާއި ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ސެޓިފައިޑް ޓްރެއިނަރ ކޯހާއި ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ 12 އަދި 13ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހާއި 5ވަނަ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިންމައިމ ބައިވެރިންނަށް ސެޓިފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހުމާން ޝަރަފްވެރި ކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގގައި މިމަހުގެ 7 ވަނަ ދުވަހު އެވެ. އަދި މިރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓިފިކެޓު ހަވާލުކޮށްދިނުމުގެ އިތުރުން، ކޯހުން ވަނަވަނަ ހޯދި ބައިވެރިންނަށް ހަނދާނީ ފިލާ ވެސް ދީފައިވެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިމިގްރޭޝަން، އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ހިމެނޭ ގޮތަށް 51 މުވައްޒަފުން ބައިވެރިވި މިކޯސްތަކުން، ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހުން 1ވަނަ އަށް ގޮސްފައިވަނީ ސަރޖަންޓް އަޙްމަދު ނިހާދު އެވެ.
12ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހުން 1ވަނަ އަށް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢަލީ ހޮވިފައިވާއިރު 13ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހުން 1ވަނަ އަށް ހޮވިފައިވަނީ ސީނިއަރ ސަރޖަންޓް އާލަޢު މުޙައްމަދު އެވެ. ސެޓިފައިޑް ޓްރެއިނާރސް ކޯހަކީ ފުލުހުންގެ މުއައްސަސާއިން ހިންގާ އެކި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމަށް މުދައްރިބުން ތަމްރީންކުރުމާއި މުދައްރިބުންގެ ހުނަރުތައް އިތުރުކުރުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.
އަދި ސީން އޮފް ކްރައިމް ބޭސިކް ކޯހަކީ ތަހުގީގުތަކަށް ބޭނުންވާ މާއްދީ ހެކި ކުށުގެ ވެށިން ދެނެގަނެ، އެ ތަކެތި ތަހުލީލުކުރުމަށް ރައްކާތެރިކަމާއެކު ބަންދުކޮށް ފޮރެންސިކް ލެބޯޓްރީތަކާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައި ދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. އަދި މި ކޯހުގައި ކުށުގެ ވެށިން މާއްދީ ހެކި ނަގައި ބަންދުކޮށް، އެ ތަކެތި ތަހުލީލުކުރާ ފަރާތްތަކާ ހަމައަށް ގެންދިއުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ކިޔަވައިދީފައިވާނެ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވެ އެވެ.
މިކޯސްތަކުގެ ތެރެއިން 12ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ޖުލައި 6 އިން 17 އަށެވެ. 13ވަނަ ޓްރެއިނަރ ކޯސް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 17 އިން 28 އަށެވެ. ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 15 އިން ޖުލައި 20 އަށެވެ.