
ވަޒީރު ޑރ. ޢަލީ ހައިދަރު ”ސޯޝަލް ޑައިލޮގް ކޮންފަރެންސް 2025“ ޝަރަފްވެރި ކޮށްދެއްވައިފި
މަތީ މަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ލޭބަރ ޑިޕާޓްމަންޓްގެ ފަރާތުން އިންތިޒާމު ކުރައްވައިގެން ”ސޯޝަލް ޑައިލޮގް ކޮންފަރެންސް 2025“ ގެ ނަމުގައި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސް، އެވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު ޝަރަފްވެރި ކޮށްދެއްވައިފި އެވެ. ދުނިޔޭގެ އެކި ސަރުކާރުތަކާއި މަސައްކަތްތެރިން ބައިވެރިވާ މިކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވައި، އެރަސްމިއްޔާތުގައި ޑރ. ހައިދަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، މިކޮންފަރެންސްގެ އަމާޒަކީ ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތަކަށް ރާއްކާތެރި ވަޒީފާގެ މާހަޢުލެއް ބިނާކުރުމާއި، ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކަށް ސުލްޙަވެރިކަމާއެކު ހައްލުހޯދުމާއި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމުގެ މަގުފަހިކޮށްދިނުމާއެކު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮށްދިނުން ކަމުގައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ކޮންފެރެންސްގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި މުޙާތަބްކުރައްވައި،އަމިއްލަ މުވައްސަސާ ނުވަތަ އިދާރާގެ ކުރިއެރުމާއި މަންފާ ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން، އިޖުތިމާއި ގުޅުން ބަދަހިކުރުމާއި، ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމާއި، އާންމު މުޖުތަމައުއަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުން ފަދަ ޤައުމީ ޒިންމާތައް އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަންދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
”ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025“ އަކީ އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓްގެ 10 ވަނަ ބާބުގެ ދަށުން ކުރިއަށްގެންދެވޭ ފުރުތަމަ ކޮންފެރެންސެވެ. އަދި މިކޮންފަރެންސްގައި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އިން ވެސް ބައިވެރިވެފައިވެ އެވެ.