
އެއާޕޯޓު އެމެޖެންސީ އެކްސަސައިޒްތަކަކާއި ގުޅިގެން މާދަމާ ހަވީރު 4 އިން ރޭގަނޑު 9 އަށް ބުރިޖުގެ އެއްފަޅި ބަންދު ކުރަނީ
އެއާޕޯޓުގެ ފުލް-ސްކޭލް އެކްސަސައިޒްތަކެއް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، މާދަމާ ހަވީރު 4 އިން ރޭގަނޑު 9 އަށް ސިނަމާލެ ބުރިޖު ބަންދުކުރަން ނިންމައިފި އެވެ.
އެމްއޭސީއެލް އިން ވިދާޅުވެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެދާނެ އިމަރޖެންސީ ހާލަތަކަށް ތައްޔާރުވުމަށް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަރޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުން ބަޔެއް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެފެކްސް އޮޕަރޭޝަނަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ހަވީރު 4 އިން ރޭގަނޑު 9އަށް ބަންދު ވާނެ ކަމަށާއި، މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ވެލާނާ އެއަރޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުވާނެ ކަމަށާއި، ރަންވޭ ބަންދުކުރި ނަމަވެސް، ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފަ އެވެ.
އެއަރޕޯޓު ފުލް ސްކޭލް އެކްސަސައިޒަކީ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން، ކޮންމެ 3 އަހަރަކުން އެއްފަހަރު، ކޮންމެ އެއަރޕޯޓަކުން ހަދަން ލާޒިމް ކުރާ އެކްސަސައިޒެކެވެ.
މި އެކްސަސައިޒުގައި އެއަރޕޯޓުގެ ހުރިހާ ޚިދުމަތެއް ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބަލައި، އެހެން މުޢައްސަސާއަކާއި ގުޅިގެން ކުރެވޭ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތައް ވަޒަން ކުރާނެއެވެ. އަދި މިއެކްސަސައިޒުގައި އެއަރޕޯޓުގެ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމާއި ގުޅޭ ހުރިހާ އިދާރާއަކުން ބައިވެރިވާނެ އެވެ.
މީގެތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭގެ ހޮސްޕިޓަލްތަކާއި ސިޓީ ކައުންސިލުގެ އިތުރުން ކަމާއި ގުޅޭ މުޢައްސާތަކާއި ވުޒާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަކާތްތެރިވާނެ އެވެ.