
ކޭޕާކުގެ 4 އެޕާޓްމަންޓެއް ޙަވާލުކުރަން ޙުކުމް ކޮށްފި
ކޭޕާކުގެ 4 އެޕާޓްމަންޓެއް އޭގެ ވެރިފަރާތާ 30 ދުވަސް ތެރޭ ހަވާލުކުރަން އަންގައި ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ޙުކުމްގައި ވަނީ، ހަންބޯ މޯލްޑިވްސް ކުންފުންޏާއި މައްސަލަ ހުށަހަޅާފައިވާ އަލީ އާދަމްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ހަތަރު އެޕާޓްމެންޓަކީ އެ ކުންފުނިން އަލީ އާދަމްއާ ހަވާލުކުރަން ޖެހޭ ތަނެއް ކަން އެނގޭ ކަމަށެވެ. ވީމާ ހަންބޯ ކުންފުނިން ވއްކާފައިވާ ކޭޕާކުގެ 4 އެޕާޓްމަންޓް، އެފަރާތަށް 30 ދުވަހުގެ ތެރޭގައި ހަވާލު ކުރުމަށެވެ.
އެޕާޓްމެންޓް ހަވާލުނުކުރެވޭ ނަމަ، އެ ގަތުމަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ވެސް އަލީ އާދަމްގެ ދައުވާގައި އެދިފައިވެ އެވެ.
އެކަމަށް ރިއާޔަތްކޮށް، ހުކުމް ކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތައް ހަވާލުނުކޮށްފި ނަމަ، އެ ގަތުމަށް އަލީ އާދަމް ދެއްކި 2،900،000 ރުފިޔާ 30 ދުވަސް ތެރޭ ދައްކައި ޚަލާސްކުރުމަށެވެ.
ކޭޕާކްގެ ނަމުގައި ހަންބޯ މޯލްޑިވްސް ކުންފުނިން ހުޅުމާލޭގައި ހަދާފައިވާ ލަގްޒަރީ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތްތުގެ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެ، ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފަ އެވެ.
އަދި ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖްކޮށް، 2023 ވަނައަހަރު އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރިކަމުގެ ތުހުމަތު ހަންބޯއ ކުންފުނިން މަންޑޭގެ މައްޗަށްކޮށް، އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.
އަދި ޖޫން 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިނަމަވެސް، އޭގެ 10 ދުވަސް ފަހުން ޖުލައި ތިން ވަނަ ދުވަހު ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ކޯޓުން ވަނީ މަންޑޭ ދޫކޮށްލައިފަ އެވެ.
މިމައްސަލައިގައި ހަންބޯ ކުންފުންޏަށް ހުކުމް ކޮށްފައިވަނީ އެކުންފުނިން ޖަވާބުދާރީ ނުވުމުން، އެކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.