
އެއީ ”ފޭކް ލޯޔަރެއް“ ކަން އެނގުނީ 26 ކޯޓްކޭސް ކާމިޔާބުކުރި ފަހުން
އެއީ ”ފޭކް ލޯޔަރެއް“ ކަން އެނގުނީ 26 ކޯޓްކޭސް ކާމިޔާބުކުރި ފަހުން
ކެންޔާގެ ކޯޓުތަކުގައި ވަކީލުކަންކޮށް ކާމިޔާބު ހޯދަމުންދިޔަ ފޭކް ލޯޔަރެއް އެޤައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ނައިޖީރިއަން ތްރިބިއުންގައި ބުނެފައިވާ ގޮތުގައި، ބްރަޔަން މްވެންޑާ ވަނީ ވަކީލެއްގެ ގޮތުގައި އެކްޓުކޮށް، މެޖިސްޓްރޭޓުން ކުރިމަތީގައާއި ހައިކޯޓުތަކުގައި ވެސް ވަކާލާތުކޮށް، 26 ކޯޓް ކޭސް ކާމިޔާބުވެސް ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކެންޔާގެ ޤާނޫނާއިބެހޭ ވުޒާރާއަށް އެތައްބައެއްގެ ޝަކުވާތައް އައުމުން، އޭނާގެ ތަޢުލީމީ ޤާބިލްކަމާމެދު ކުރެވުނު ތަހުގީގަކަށް ފަހު އެވެ.
ތަޢުލީމީގޮތުން ވަކީލުކަމުގެ އެއްވެސް ސަނަދެއް އަދި އިލްމެއް ނެތްނަމަވެސް، ވަކީލެއްގެ އެކްޓުކޮށްގެން އޭނާ ވަނީ ކޯޓުތަކުގެ ޖަޖުންނާއި މެޖިސްޓްރޭޓުންގެ އިތުބާރު އޭނާއަށް ޝައްކު ނުކުރެވޭނެވަރަށް ހޯދައި، އެތައް އަހަރުތަކެއް ވަންދެން ކޯޓުތަކުގައި ވަކީލެއްގެ ރޯލު އަދާކޮށްފަ އެވެ.
މްވެންޑާއަކީ ވަކީލެއް ނޫންކަން ހާމަވުމުން ކެންޔާގެ ލޯ ސޮސައިޓީއިން ވަނީ އެކަން ރަސްމީކޮށް އާންމުންނަށް އަންގާފަ އެވެ. އެގޮތުން އެކްސްގައި އެސޮސައިޓީއިން ބުނެފައިވަނީ، ބްރަޔަން މްވެންޑާއަކީ އެސޮސައިޓީގެ ކެންޔާގެ ހައިކޯޓުގެ ވަކީލެއް ނޫން ކަމަށާއި އަދި އޭނާއަކީ ވަކީލެއް ކަމުގެ އެއްވެސް ރެކޯޑެއް މިހާތަނަށް ކުރި އެއްވެސް ތަހުގީގަކުން އެނގެން ނެތް ކަމަށެވެ. މްވެންޑާގެ ތަޢުލީމީ ފެންވަރާއި ބެހޭގޮތުން މާބޮޑުއެއްޗެއް ހާމަކޮށްފައިނުވި ނަމަވެސް، އޭނާއަކީ ވަކީލެއް ނޫންކަން އެފަރާތުން ހާމަކޮށްފައިވެ އެވެ.
މްވެންޑާ ވަނީ އެތައް އަހަރެއް ވަންދެން ކެންޔާގެ މަތީ އަދި ދަށުކޯޓުތަކުގައި ވެސް ވަކާލާތުކޮށް، ވަކީލެއްގެ ހައިސިއްޔަތުން އޭނާގެ ޤާބިލްކަން ދައްކައި އަދި އެއްކޮށް މަސައްކަތްކުރާ ވަކީލުންނާއި ޖަޖުން އަދި މެޖިސްޓްރޭޓުންގެ އިތުބާރާއި ތަޢުރީފުވެސް އޭނާ ވަނީ ހޯދާފަ އެވެ.