
ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ މީޑީއާގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި މިތަކެތި ހޯދާފައިވަނީ، ތުޅާދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން އެކަމަށް ހިންގި އޮޕަރޭޝަންއެއްގެ ދަށުންނެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު ތުޅާދޫ ފުލުހުން ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ބަނދަރުގައި އޮތް ފެރީލޯންޗަކަށް އަރައި ވަނީ ބަލައިފާސްކޮށްފައެވެ. އަދި އެލޯންޗު ފާސްކުރިއިރު، މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގްރާމް ކަމަށާއި، މިތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ ފުލުހުންގެ ޚިދުމަތުން މިހާރު ތަހުގީގު ކުރަމުންދިޔަނަމަވެސް، މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.