
Qަަޤައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތަހުނިޔާ ފޮނުއްވައިފި
ޤައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތަހުނިޔާ ފޮނުއްވައިފި އެވެ.
އެކްސް މެދުވެރިކުރައްވައި، ދެކަނބަލުން ވަކިވަކިން ޙިއްޞާކުރެއްވި ދެ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް ކަމުގައި ކަމަށާއި، މި އުފާވެރި ދުވަހު އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މެސެޖްގައި ޢާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަމަނާގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވާފައިވެ އެވެ.
ޤައުމީ މާމަ، ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހެވެ. ޤައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައަޅައި އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ޤައުމަށާއި އެމީހުންގެ އާއިލާއަށް ކޮއްދެއްވާ ޚިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.