
މީޑިއާ ބިލާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލްވުމެއް ބޭއްވުން ބޭނުންތެރި – ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލްވުމެއް ބޭއްވުން ބޭނުންތެރި ކަމަށް ދެކެވަޑަިގަންނަވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ނޫސްވެރީންނާއި މީޑިއާތަކާއި މީޑިއާތަކާއި ގުޅުންހުރި މައި ދެ އިދާރާއިން ވެސް ކަންބޮޑުވުން އޮތް މި ބިލާއި ގުޅޭގޮތުން ރައީސް ނަޝީދުގެ ވިސްނުންފުޅު ހާމަކުރެއްވީ ނޫސްވެރީންގެ ކަންބޮޑުވުންތަކަށް އެއްވެސްް ބެލުމެއް ނެތި ބިލް ބަލައިގަނެ އެ ބިލް ނިންމުމަށް ސަރުކާރު ހިންގާ ޕީއެންސީން ފޫގަޅާފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވީ މި ބިލާއިމެދު ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލްވުމެއް ބޭއްވުން ބޭނުންތެރި ކަމަށް ދެކެވަޑަިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި ކަމަށެވެ. ހަމަ އެއާއެކު ނޫސްވެރީން ޒިންމާދާރުވުން ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަކީ މަޖިލީހުގައި ހިމެނޭ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ހުށައަޅާފައިވާ ބިލެކެވެ. ނަމަވެސް މި ބިލް ހުށައެޅުމުގެ ފަހަތުގައި ވަނީ ސަރުކާރު ހިންގާ ޕާޓީއާ އެ ޕާޓީގެ މެންބަރުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.