
އައުކަންކަންކުރުމާއި އިޖާދީ ކަންކަން ތަޢާރަފުކުރުމުގައި ށ. އަތޮޅަކީ އަބަދުވެސް ނަމޫނާ އަތޮޅެއް: މިނިސްޓަރ
އައުކަންކަންކުރުމާއި އިޖާދީ ކަންކަން ތަޢާރަފުކުރުމުގައި ށ. އަތޮޅަކީ އަބަދުވެސް ނަމޫނާ އަތޮޅެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެކްސްގައި ކުރެއްވި މި ޕޯސްޓްގައި އަތޮޅުގެ ހިންގުންތެރިކަން ކުރިއެރުވުމަށާއި، އިޖުތިމާޢީ ގޮތުން އަތޮޅަށް ކާމިޔާބީ ހޯދައިދިނުމަށް ޓަކައި އިސްނަގައިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެއްވާ މާރެސް އެވޯޑަކީ އޭގެ މިސާލެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އަދި މި އަހަރު އެވޯޑް ޙާޞިލްކުރެއްވި ރަށްތަކަށް ހޫނު މަރުޙަބާއެއް ދަންނަވައިފައިވެ އެވެ.
ށ. އަތޮޅުކައުންސިލުން ދެއްވާ މާރެސް އެވޯޑް މި އަހަރު ޙާޞިލްކުރައްވާފައި ވަނީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އަދި ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ. މި އަހަރުގެ 1 ވަނަ ކޮމިޓީއަކީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެވެ.
މާރެސް އެވޯޑް ޙާޞިލްކުރެއްވި ކޮމިޓީތަކަށް އެވޯޑް ދެއްވާފައި ވަނީ އަތޮޅު ފެންވަރުގައި ޤައުމީދުވަސް ފާހަގަކުރުމަށް ށ. ބިލެތްފަހީގައި ބޭއްވި ޤައުމީދުވަހުގެ ޖަލްސާގަ އެވެ.