
ސައްޙަނޫން އެކަޑެމިން ސެޓިފިކެޓުތައް ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން
ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްޙަނޫން ސެޓިފިކެޓުތައް ހުށަހެޅުމާއި ބޭނުން ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެއިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިފަދަ އަމަލުތަކަކީ ގައުމުގެ ތަޢުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މިކުށަށް އަރައިގަންނަ މީހުންނަށް ނުޙައްޤު މަންފާތަކެއް ލިބި، އާންމު ޚިދުމަތްތަކުގެ ފެންވަރާއި ޢިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ.
އަދި ސައްޙަނޫން ސެޓިފިކެޓު ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 310 ވަނަ މާއްދާ (ސައްޙަ ލިޔުމަށް ބަދަލު ގެނައުމާއި އެހަދާ ލިޔުން ނަކަލު ކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން) އާއި 311 ވަނަ މާއްދާ (ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާއި ބެހުން) އަދި 312 ވަނަ މާއްދާ (ޝަހުސު އޮޅުވާލުން) ގެ ދަށުން ޖިނާއީ ކުށެއް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ސެޓިފިކެޓް ފޯޖު ކުރުމުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށާއި، މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް، ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދަ ކަންކަމާމެދު ވަޒީފާދޭ ފަރާތްތަކާއި ތަޢުލީމު ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.