
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފް ހއ. އުތީމަށް
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ހއ. އުތީމަށް މިއަދު ކުރެއްވި ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނަށް މިޝަރަފް އަރުވާފައިވަނީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނާއި، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.
އުތީމު ގަނޑުވަރަކީ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އުތީމު މަހާރަދުން) ގެ ޢާއިލީ މައިފުނަގެ އެވެ. ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ. މިއީ، ދިވެހި ޤައުމީ އަގުހުރި ޚާއްޞަ ތަރިކައެކެވެ. އުތީމުގައި ހުންނަ އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އާސާރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުންވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފަ އެވެ. މި ފާއިތުވި 450 ވަރަކަށް އަހަރު، (އުތީމު ރަދުންގެ ޙަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، ހަމަ ޔަޤީނުންވެސް، 500 އަހަރަށް ވުރެ މަދުނުވާނޭ ދުވަސްތަކެއްގައި) މި ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަވައިފައިވެ އެވެ.
ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހައި ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. އެހެންކަމުން، ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ ޢިނާޔަތްތައް ލިބެމުންއައެވެ. އެއާއެކު ވެސް ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، ވަރަށް ފަހަކާ ޖެހެންދެން އުޖޫރައަކާ ނުލައި ކުރަމުން އައީ، އުތީމު ރައްޔިތުންނެވެ.