
ބަޑިޖަހާ މައިންބަފައިން މަރާލި މީހާ ޕެރޯލްގެ ދަށުން ދޫނުކުރުމަށް ނިންމައިފި
1989 ވަނަ އަހަރު ޝޮޓްގަންއަކުން ބަޑިޖަހާ މައިންބަފައިން މަރާލި މީހާގެ ހުކުމް ލުއިކޮށްދިނުމަށް އެދި 30 އަހަރު ފަހުން ޕެރޯލްއަށް އެދުމުން ވެސް، އެހުށަހެޅުން ޤަބޫލުނުކޮށް، ޕެރޯލްގެދަށުން ދޫނުކުރުމަށް ކޯޓުން ނިންމައިފިއެވެ.
އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ޖޯސެފް ލައިލް މެނެންޑޭޒްގެ ޕެރޯލް މައްސަލައިގައި ޔުނައިޓޭޑް ސްޓޭޓްސް ޖުޑިޝަލް ކޮމިޝަނުން މިގޮތަށް ނިންމާފައިވާއިރު، އޭނާއާއެކު އެކުށުގައި ބައިވެރިވި އޭނާގެ ކޮއްކޮ އެރިކްގެ ޕެރޯލްވެސް ވަނީ ބާތިލުކޮށް، ދޫނުކުރުމަށް އޭގެ އެއްދުވަސް ކުރިން ކޯޓުން ހުކުމް ކޮށްފައެވެ.
ފާއިތުވި ހުކުރު ދުވަހު ބޭއްވި ޝަރީއަތުގައި ކެލިފޯނިއާގެ ޕެނަލުން ހުކުމް ކޮށްފައިވަނީ 57 އަހަރުގެ ލައިލްއާއި އޭނާގެ ކޮއްކޮ، ޕެރޯލްއަށް ފުރުސަތު ނުލިބޭގޮތަށް އުމުރުދުވަހަށް ޖަލުގައި ބޭތިއްބުމަށް ހުކުމް ކޮށްފައެވެ.
ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވާއިރު ލައިލްއާއި އޭނާގެ ކޮއްކޮގެ ހުކުމް ލުއިކޮށް، ޕެރޯލްގެދަށުން ދޫކޮށްލުމަށް ގޮވާލައި، އެމީހުންގެ އާއިލާއިންނާއި ރަހްމަތްތެރިން އަދި ބައެއް ސެލްބްރިޓީން ވަނީ ކެމްޕޭނެއްވެސް ފަށާފައެވެ. މިކެމްޕޭންގައި ލައިލްގެ ސަޕޯޓުގައި ތެދިވި ސެލެބްރިޓީންގެ ތެރޭގައި ކިމް ކަރްޑޭޝިއަން ވެސް ހިމެނެއެވެ.
ބުނެވޭގޮތުގައި ލައިލްއާއި އެރިކް އުޅެބޮޑުވީ އަނިޔާލިބި، ކުޑަކުދިންނަށް އުޅުމަށް އެންމެ ރައްކާތެރިނޫން މާހައުލެއްގައެވެ. އަދި މައިންބަފައިންގެ ކިބައިން ނަފްސާނީ އަދި ޖިސްމާނީ އެތައް އަނިޔާތަކެއް ލިބި، އަނިޔާތަކުން ސަލާމަތްވެވޭނެ ގޮތެއްނެތިއެވެ.
މިހާދިސާއާއި ބެހޭގޮތުން އަދި ލައިލްއާއި އެރިކްގެ ދިރިއުޅުމާއި، މައިންބަފައިން މަރާލަން ދިމާވި ހާދިސާތަކާއި ބެހޭގޮތުން ނެޓްފްލިކްސްއިން ޑްރެމެޓިކްސް ސީރީސްއެއްވެސް ވަނީ ހަދާފައެވެ. އެސީރީޒްއަށް ނުހަނު ބޮޑު ތަރުހީބުލިބި، ހިޓް ސީރީޒްއަކަށް ވިއެވެ.



