
އިޒްރާއީލްގެ މައްސަލައިގައި ދެބަސްވެ ނެދަލެންޑްގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދީފި
އިޒްރާއީލްގެ މައްސަލައިގައި ކެބިނެޓްގައި ދެބަސްވުން އުފެދި ނެދަލެންޑުގެ ޚާރިޖީ ވަޒީރު ކެސްޕާ ވެލްޑްކެމްޕް ވަޒީރު ކަމުގެ މަޤާމުން އިސްތިޢުފާ ދީފިއެވެ.
ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އިޒްރާއީލާއި ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމަށް ގޮވާލާ، ކެބިނެޓަށް ހުށަހެޅި ހުށަހެޅުން ކެބިނެޓުން ވަނީ ތާއީދުނުކޮށް ބޭރުކޮށްލާފައެވެ. އަދި މިކަމާ ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށް، ޚާރިޖީ ވަޒީރު ވެލްޑްކެމްޕްގެ އިތުރުން ވެސް ބައެއް މިނިސްޓަރުން ވަނީ އިސްތިޢުފާ ދެއްވައި، ކެބިނެޓުން ނިކުންނަވާފައެވެ.
ނިއު ސޯޝަލް ކޮންޓްރެކްޓް ޕާޓީގެ މެމްބަރެއް ކަމުގައިވާ ވެލްޑްކެމްޕް ބުނެފައިވަނީ، މިހާރު އިޒްރާއީލާއި ދެކޮޅަށް އަޅާފައިވާ މަދު ފިޔަވަޅުތަކާއިމެދު ހިތްހަމަ ނުޖެހި، ފިޔަވަޅުތައް އުވާލުމަށް ތަކުރާރުކޮށް ބައެއް ވަޒީރުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އިޒްރާއީލްގެ އަމަލުތަކަށް ޖަވާބުދާރީކޮށް ފިޔަވަޅު އެޅުމާއި ބެހޭގޮތުން ކުރެވުނު އެއްވެސް މަޝްވަރާއަކަށް މިހާތަނަށް ކެބިނެޓްގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިފައި ނުވާއިރު، އެކަމާމެދު ނުރުހުމާއި ދެކޮޅުހެދުމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އިޒްރާއީލާއިމެދު އެޅުމަށް ވެލްޑްކެމްޕް ހުށަހެޅި ބައެއް ކަންތައްތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނާމެދު އަނިޔާވެރި ވުމުގައި މުޙިއްމު އިސްރޯލެއް ކުޅެފައިވާ އިޒްރާއީލްގެ 2 މިނިސްޓަރުން ކަމުގައިވާ ބެޒަލެލް ސްމޮޓްރިކްއާއި އިތަމާރް ބެންޣްވީރް ނެދަލެންޑަށް އެތެރެވުން މަނާކުރުން ހިމެނެއެވެ. ނަމަވެސް މިކަމަށް ކެބިނެޓުން ރުހުން ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން ހަނގުރާމަމަތީ ކަނޑުއުޅަނދުތަކަށް ބޭނުންވާ ބައެއް ސާމާނު އިމްޕޯޓު ކުރުމުގެ 3 ހުއްދައެއް، ޣައްޒާއަށް ހަމަލާދޭން ބޭނުންކޮށްފާނެ ކަމަށް ބުނެ، ވެލްޑްކެމްޕް ވަނީ ބާތިލު ކޮށްފައެވެ.
”ޣައްޒާގައި ކަންތައް ހިނގަމުންދާގޮތް އަހަންނަށް އެބަފެނޭ. ޣައްޒާއާއި ވެސްޓްބޭންކަށް ދެމުންދާ ހަމަލާތަކާއި އިމާރާތްތައް ފުނޑުފުނޑުކޮށް ސުންނާފަތި ކުރާގޮތް، އަދި ރެފިއުޖީންނާމެދު ކަންތައްކުރާގޮތް އަހަންނަށް ފެނޭ“ ވެލްޑްކެމްޕް ބުނެފައިވެއެވެ.
ވެލްޑްކެމްޕްގެ އިސްތިއުފާއާއެކު އޭނާއަށް އަދި އޭނާ ވަކާލާތުކުރާ މައްސަލައަށް ސަޕޯޓުކޮށް ނިއު ސޯޝަލް ކޮންޓްރެކްޓް ޕާޓީގެ ހުރިހާ ވަޒީރުންނާއި ސްޓޭޓް ސެކްރެޓަރީން ވެސް ވަނީ މަޤާމުތަކުން އިސްތިއުފާ ދީފައެވެ.



