
ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި
ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށް، އެކަން ބެލެނިވެރިންނާއި މުޖުތަމަޢުގެ ސަމާލުކަމަށް ގެނެސްފި އެވެ.
ދިވެހި ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިންގއާއި އެޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ކުށް ހިނގާކަމަށް ފާހަގަ ކުރެވޭ ބައެއް ސަރަހައްދު ތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕުތައް އެއްވެތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިކަމުގެ ސަބަބުން ކުޑަކުދިން ގްރޫމިންގގެ ޝިކާރައަކަށްވެ ރައްކާތެރިނޫން ހާލަތްތަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށާއި، ޤާނޫނާއި ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާއި ނުރުހުންވެ ގެއިން ފިލައިގެން ނިކުމެ، މަސްތުވާ ތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާއި ޚިލާފް އަމަލުތަކުގައި ބައިވެރި ވުމުގެ ފުރުސަތު އިތުރުވާ ކަމަށް ނޫސްބަޔާނުގައި ހާމަކޮށްފައިވެ އެވެ.
އަދި މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވުމަށް އެދިލައްވައި، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި އެކުދިންނާއި ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް އިލްތިމާސް ކުރައްވާފައިވެ އެވެ.
ކުޑަކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އެކުދިންނަކީ ޒިންމާދާރު ހެޔޮލަފާ ޚުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރެދެއްވުމަށްޓަކައި އެންމެހާ މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާއި ގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެއްވުމަށް މިނޫސްބަޔާނުގައި އެދިލައްވާފައިވެ އެވެ.
އަދި މިފަދަ ކަމަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަމްބަރު 9770640 އަށް ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. އަދި ކުއްލި ހާލަތެއްގައި ނަމަ 911 އަށް ގުޅުއްވުމުން ފުލުހުން ވަގުތުން ހަރަކާތްތެރި ވާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.



