
ފެނާއި ނަރުދަމާގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރައްވައިފި
ފެނާއި ނަރުދަމާގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިބިލް ފާސްކުރައްވާފައިވަނީ 11 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިންނެވެ.
ފެނާއި ނަރުދަމާގެ ގާނޫނު ނަމްބަރު 2020/8 އަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވި މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކާ އެކަށީގެންވާ ފެނާޢި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މި ބިލުގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވާނެ ކަމަށާއި ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި ދިވެހިރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުޠުތައް ކަނޑައެޅުންވެސް ހިމެނޭކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ހަމަމިއާއިއެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކުރާ ފަރާތްތަކަށް ދެވޭނެ އަދަބުވެސް މިބިލުގައި ކަނޑައަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.



