
ފަލަސްތީނުގެ ޙައްގުގައި ބޮޑު އެއްވުމެއް
ފަލަސްތީނުގެ ހައްގުގައި ބާއްވާ ގައުމީ ބޮޑު އެއްވުން ހުކުރު ދުވަހު ހަވީރު އިޒްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާވެރިކަމާއި ދެކޮޅަށް، އަދި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި ދަތިކުރުމަށް ކޮށްފައިވާ ޙިސޯރު ނައްތާލުމަށް ގޮވާލައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އެވެ. މިއެއްވުން އިސްވެ އިންތިޒާމްކުރާ ފަރާތެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ސޯޝަލް މީޑީއާގައި ހާމަކޮށްފައިވާ ގޮތުގައި، މިއެއްވުން އޮންނާނީ 15 އޮގަސްޓް 2025ވާ ހުކުރު ދުވަހު ހަވީރު 16:30 ގައި މާފަންނު ޓާފް ދަނޑުގައި ކަމަށެވެ.
ޣައްޒާގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކާއި ދެކޮޅަށް އަދި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަޑުއުފުލުމަށް ވީހާވެސް ގިނަ ފަރާތްތަކުން ހުކުރު ދުވަހު ހަވީރުގެ އެއްވުމުގައި ބައިވެރި ވުމަށް އެފަރާތުން ވަނީ ގޮވާލާފައެވެ. ފަލަސްތީނު މައްސަލައިގައި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ފަލަސްތީންއަށް ތާއީދުކުރާ، އަދި އިޒްރާއީލާއި ދެކޮޅަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައިވެސް އަޑުއުފުލާ ޤައުމެކެވެ. އަދި ފަލަސްތީނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިރާއްޖެ ވަނީ ނަމޫނާ ދައްކާފަ އެވެ. ހުއްޓުމެއްނެތި އިޒްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު އެހީގެ ޤާފިލާތައް ވަނުން ހުއްޓުވާ ކާބޯތަކެތި ވަނަނުދީ ބްލޮކް ކުރުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގައި ކޮންމެ ފުވަހަކު އެތައް މުސްލިމުންނެއް ދަނީ ޝަހީދު ވަމުންނެވެ.