
ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް މާމެންދޫ ސްކޫލު ބެލެނިވެރިންނަށް މަޢުލޫމާތުދީފި
ސްކޫލުތަކުގެ ބެލެނިވެރިންނަށް މަޢުލޫމާތުދީ އެކި ކަންކަމަށް އަހުލުވެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. މާމެންދޫ ސްކޫލު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
މާމެންދޫ ސްކޫލުގައި މި މަހު 13 ވަނަ ދުވަހުގެ ކުރިއަށް ގެންދިޔަ މި ސެޝަނަކީ ކްރައިމް ޕްރިވެންޝަނާއި ގއ. އަތޮޅު ޕޮލިހާއި މާމެންދޫ ޕޮލިސް އަދި ގއ. އަތޮޅު ސްކޫލު ޕީޓީއޭ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި ބެލެނިވެރިޔާއަކީ ކޮބައިކަމާއި ބެލެނިވެރިންގެ ޒިންމާތަކާއި ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ކުރެވިދާނެ ކަންކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
އެގޮތުން، ކާމިޔާބު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކާއި ބެލެނިވެރިންގެ ޒިންމަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބެލެނިވެރިކަން އަދާކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިންގެ ފަރާތުން ރަނގަޅު ކަންކަމަށް އުންމީދު ކުރާއިރު، ބެލެނިވެރިޔާއަކީ ވެސް ދަރިން އުންމީދު ކުރާފަދަ ބެލެނިވެރިއެއްތޯ އަމިއްލައަށް ވިސްނުމަށާއި ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް ދަރިންނާ ގުޅިގެން އެކުވެރި މާހައުލެއްގައި މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި ދަރިންނާ ރަނގަޅު ގުޅުމެއް އުފެއްދިދާނެ ގޮތްތަކާއި ދަރިންކުރާ ރަނގަޅު ކަންކަމުގައި އެއްބާރުލުންދީ އެ ކަންކަން ފާހަގަކޮށް ދަރިންނަށް ހިތްވަރުދިނުމުގެ މުހިންމުކަމާއި ދަރިންގެ މެދުގައި ތަފާތު ނުކުރުމަށާއި ދަރިން ވަގުތު ހޭދަކުރާ މާހައުލަކީ ކޮންކަހަލަ މާހައުލެއްކަން ދެނެގަތުމަށާއި ކުށުގެ ވެށިން ދަރިން ރައްކާތެރިކުރުމަށް ދަރިންގެ އެކުވެރިންނަކީ ކޮންކަހަލަ ބައެއްތޯ ބެލުމަށާއި ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ދަރިންގެ މިޒާޖު ދެނެގަތުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
މީގެ އިތުރުން ވެސް، ބެލެނިވެރިންގެ ފަރާތުން ދަރިންނަށް އަބަދުވެސް ރިވެތި ނަމޫނާ ދެއްކުމަށާއި ރަނގަޅު އާއިލާއެއް ބިނާކުރުމަށް ވިސްނަންޖެހޭ ކަންކަމާއި ގަނާކުރުންފަދަ ނޭދެވޭ ކަންކަމުން ދަރިން ރައްކާތެރިކުރާނެ ގޮތްތަކުގެ މައުލޫމާތު ވެސް މި ސެޝަނުގެ ތެރެއިން ހިއްސާކޮށްފައިވެ އެވެ.