ޚަބަރު ފީތާ

އެންމެން ގުޅިގެން މަސައްކަތް ނުކޮށްފިނަމަ ރާއްޖެ ވެއްޓޭނީ އަނދިރި ވަޅުގަނޑަކަށް ކަމަށް މައުމޫން ވިދާޅުވެއްޖެ

 

ގާނޫނު އަސާސީގެ ދިފާއުގައި އެންމެން ގުޅިގެން މަސައްކަތް ނުކުރާނަމަ ރާއްޖެ ވެއްޓޭނީ އަނދިރި ވަޅުގަނޑަކަށް ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން އެމަނިކުފާނު ދެއްވި ޚިތޯބުގައި މިއަދު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ އިންތިޚާބީ ރައީސުންގެ އަތުން ޕާޓީ ހިންގުމުގެ ބާރު ނިގުޅައިގަތުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ރާއްޖޭގެ ދިމުޤްރާތީ ނިޒާމަށް ބޮޑެތިއަސަރުތަކެއް ކުރާނެ ކަމެއްކަމަށެވެ.

އަދި މީގެއިތުރުން ހުރިހައި ސިޔާސީ ޕާޓީތަކަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ގޮބްޖެހުންތަކާއި ކުރިމަތިވާ ނެކަމަށާއި އެހެންކަމުން ރާއްޖޭގެ ދިމުޤްރާޠީ ނިޒާމުގެ ދިފާއުގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މައުމޫންގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

އަދި މީގެއިތުރުން އެންމެން ގުޅިގެން މަސައްކަތް ނުކޮށްފިނަމަ ސިޔާސީ ގޮތުން ރާއްޖެ ވެއްޓިގެން ދާނީ ފުން ވަޅުގަނޑަކަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް 48 އަހަރު ފުރިގެންދާ މުނާސަބަތާ ކުރިމަތިލާއިރު ޖުމްހޫރިއްޔާއެއްގެ ހަގީގީ މާނައިގައި އެއަށް އަމަލުކުރުމަށް އިސްކަންދޭންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި  އަދި ޖުމްހޫރިއްޔާއެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެ ޖުމްހޫރިއްޔާއެއްގައި ހިމެނޭ ރައްޔިތުންކަމަށެވެ.

ސަބަބަކީ ޖުމްހޫރިއްޔާއެއްގައި ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އެ ޖުމްހޫރިއްޔާއެއްގެ ރައްޔިތުންގެ ކިބައިން ކަމަށްވާތީ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރާއިރު ވެރިކަން ކުރަން ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެހެންކަމުން ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަކަށް ދިވެހިން ތާއީދު ކޮށް އެނިޒާމު ގެނައި އިރު ދައުލަތުގެ މުއައްސަސާ ތަކުން އަމަލު ކުރަންވާނީ އެގޮތުގެ މަތީން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ތިން ބާރުވަކިވެފައި އޮންނައިރު އެއް ބާރުން އަނެއްބާރަށް ނުފޫޒު ފޯރުވައި އޭގެމައްޗަށް ގަދަވެ ގަތުމަށް މަސައްކަތް ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފުވުންކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަން ނުކުރުމަށް ގޮވާލާ ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.

 

Rate this post