
ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ، އިންޒެކް 2025 ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެއްދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިމަހާސިންތާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިހިނގާ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މި މަހާސިންތާގައި އާއްމު ފަރުދުންނަށްވެސް ބައިވެރިވެވޭނެކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަ ކޮށްފަ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ހާމަކޮށްފަ އެވެ.
އަދި މި މަހާސިންތާގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށް ކަމަށާއި، މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވޭނެކަމަށް އިސްލާމިކް އެފެއާޒްއިން ހާމަކޮށްފައިވެ އެވެ.
މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު (https://forms.gle/xRcrmAgDUL9GwUvcA) މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓަރ ކުރެއްވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށް މަޢުލޫމާތު ދެއްވައެވެ. އަދި މި މަހާސިންތާގައި އާއްމު ފަރުދުންނަށްވެސް ބައިވެރިވެވޭނެ އެވެ.
މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ބާއްވާ ބައިނަލްއަޤްވާމީ ދެވަނަ ޒަކާތު މަހާސިންތާއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ ނިމިދިޔަ 2024ވަނަ އަހަރުގައެވެ. އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް/ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.