ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން “ މާލި “ ނަމުގައި އޮޕަރޭޝަނެއް ހިންގައިފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤަވާޢިދާއި ޚިލާފަށް ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެ އެފަދަ ވިޔަފާރިތައް ހުއްޓުވުމުގެ މަޤުޞަދުގައި މި މަހުގެ ހަތަރަކުން ހަތަކަށް ހިންގި މި އޮޕަރޭޝަން އަމާޒު ކޮށްފައިވަނީ މާލެ ސަރަޙައްދަށް ނިޞްބަތްވާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓު ތަކަށެވެ.
އެގޮތުން އެތަންތަނަށްގޮސް އެތަންތަނުން ޢަމަލު ކުރަމުންދާ ގޮތް ދެނެގަނެ، ސިނގިރޭޓް ފޮށީތެރޭގައި އިޝްތިހާރު ހިމެނޭތޯ ބެލުމާއި އިޝްތިހާރު ކަމުގައި ބެލެވޭނެ އެއްވެސް އެއްޗެއް ބަހައްޓާފައި ނުވަތަ ހަރުކޮށްފައި ހުރިތޯ ބެލުމާއި މަގު ހިނގާ މީހުންނަށް ފެންނާނެހެން ދުންފަތުގެ ބާވަތްތައް ޑިސްޕްލޭ ކޮށްފައި ހުރޭތޯ ބެލުމާއި ދުންފަތުގެ ބާވަތެއް ނުވަތަ ވިޔަފާރި ޕްރޮމޯޓް ކުރުމަށް ހުންނަ އާލާތެއް ޑިސްޕްލޭކޮށްފައި ހުރޭތޯ ބަލާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަދި ލީފްލެޓް، ފޮޓޯ، ވަކި ބްރޭންޑަކަށް ނިޞްބަތް ކުރެވޭ އަޅިކެނޑި، މެނޫކާޑު، ބިލް ފޯލްޑަރ، އޯޕަން-ކްލޯސް ބޯޑު އަދި ފްލަޔަރސް ހިމެނޭ ކަމަށާއި ޞިއްޙަތުގެ އިންޒާރު ނުޖަހާ ނުވަތަ ޖަހާފައި ހުންނަ އިންޒާރު ޤަވާޢިދަށް ފެތޭތޯ ބެލުމާއި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތެއްގައި ކުޑަކުއްޖަކު ބައިވެރި ކުރޭތޯ ބެލުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަޙައްދެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރޭތޯ ބެލުމާއި ޤާނޫނާއި ޤަވާޢިދާ ޚިލާފު ކަމަށް ބެލެވޭ ކަންކަން ހިމެނޭތޯ ބަލާފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
މިހާރަކަށް އައިސް ސިނގިރޭޓް ފޮށި ތެރެއަށް ދުންފަތުގެ އިޝްތިހާރު ލައިގެން ސިނގިރޭޓް އެތެރެ ކުރުމާއި ދުންފަތް ހިމެނޭ އެއްޗެއް، އެހެން އެއްޗެއްގެ ނަމުގައި ޑިކްލެއަރ ކޮށްގެން އެތެރެ ކުރުމާއި ޤަވާޢިދުން ޖަހަންވާ ލޭބަލް ނުޖަހާ އެތެރެކޮށް ވިއްކުމާއި ދުންފަތުގެ ބާވަތްތަކަށް ކަނޑައެޅިފައިވާ ޑިއުޓީ ނުދައްކާ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށް ޢާންމުންނަށް ވިއްކަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އަދި ޤާނޫނާއި ޤަވާޢިދާއި ޚިލާފު މި ދެންނެވި ފަދަ ކަންކަމީ ކުޑަކުދިން ދުންފަތުގެ ނުރައްކަލަށް ހުށަހެޅިދާނެ ކަންތައްތައް ކަމަށާއި ވީމާ މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެ ޢަމަލުތައް ހުއްޓުވައި އެފަރާތްތަކާ މެދު ލަސްނުކޮށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން ޤާނޫނީ ގޮތުން މަނާކޮށްފައިވަނީވެސް ޓެކްސް އިތުރު ކުރަނީވެސް ޒުވާނުންނާއި ކުޑަކުދިން ރައްކާތެރި ކުރުމަށް ކަމަށާއި އެހެން ކަމުން މި ޤާނޫނުތަކަށް އަޅުގަނޑުމެންގެ ކުދިންނާއި ޒުވާނުންނަށް ރައްކާތެރިކަން ދިނުމާއި އުޖާލާ މުސްތަޤުބަލެއް ފަހިކޮށްދިނުމަކީ ކޮންމެ ފަރުދެއްގެ އަދި ކޮންމެ މުއައްސަސާއެއްގެވެސް ޒިންމާއެއް ކަމަށް އެޗްޕީއޭ އިން ފާހަގަ ކުރެއެވެ.
މި އޮޕަރޭޝަނުގައި ޙަރަކާތްތެރިވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕެޝަލް އޮޕަރޭޝަން ސެކްޝަންގެ އޮފިސަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޕަބްލިކް ހެލްތް އިންސްޕެކްޓޮރޭޓް ސެކްޝަންގެ ބައެއް އޮފިސަރުންނެވެ.