ފުވައްމުލަކު ސިޓީއިން މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔައިފި
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއަށް ފުވައްމުލަކު ސިޓީއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި މިއަދު ހަވީރު މުއިއްޒު ފުވައްމުލަކަށް ވަޑައިގެންފައި ވާއިރު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުއިއްޒުގެ އިސްތިގްބާލަށް ނުކުމެފައެވެ. އަދި އޭނާއަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.
މިރޭ 8:30ގައި ފުވައްމުލަކުގައި މުއިއްޒުގެ ޖަލްސާއެެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެ ރަށު ދާއިރާގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކާ ވެސް ބައްދަލު ކުރައްވާނެއެވެ
ފުވައްމުލަކު ދަތުރަށްފަހު މުއިއްޒު ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ އަދި ގއ އަތޮޅުގެ ބައެއް ރަށްތަކަށެވެ. އަދި އެއަށްފަހު ވަޑައިގަންނަވާނީ ރ، ބ، އަދި ޅ އަތޮޅުގެ ރަށްތަކަށެވެ.