
ޓޮޓެންހަމްއަތުން މޮޅުނުވެވި ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އާސެނަލްއަށް ގެއްލިއްޖެ.
އިނގިރޭސި ޕްރިމިއާލީގުގައި މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އާސެނަލްއަށް ގެއްލިއްޖެއެވެ.
ޓޮޓެންހަމް އާއި ވާކޮށް އާސެނަލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އާސެނަލްއިންނެވެ. އާސެނަލްއިން މި މެޗުގެ ލީޑުނަގާފައިވަނީ ޓޮޓެންހަމްގެ ކެވިން ވިމާ އަތުން ބައިކޮޅަށް ވަތް ލަނޑަކުން މެޗުގެ 42 ވަނަ މިނެޓުގައެވެ.
މި ލަނޑަށް ފަހުވެސް އާސެނަލްއަށް ވަނީ ލަނޑުޖަހަން ހުސް ދެ ފުރުސަތެއްވަރު ލިބިގެން ގޮސްފައެވެ.
އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން މެޗުގެ ވަރަށް ކުރީކޮޅު ޓޮޓެންހަމްއަށް ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހާ ހެރީ ކޭން ވަނީ މެޗުގެ 51 ވަނަ މިނެޓްގައި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މީ އަނިޔާގައި ގިނަ ދުވަސްތަކަކު ހުރުމައްފަހު އެނބުރި އައިސް ހެރީކޭން ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗުގައި ކޭން ޖެހި ލަނޑަކީ އާސެނަލްއާ ދެކޮޅަށް ކޭން ޖެހި ފަސްވަނަ ލަނޑުވެސް މެއެވެ.
ޓޮޓެންހަމްއިން ނަތީޖާ އެއްވަރުކުރުމަށްފަހު ރަނގަޅަށް ކުޅެމުން ދިޔައިރު އެޓީމަށް ވަނީ މެޗުގެ ނަތީޖާ އަނބުރާލަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް އެރިކްސަން ފޮނުވާލި ހަމަލާވެސް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
މި ނަތީޖާއާ އެކު އާސެނަލް މިވަގުތު އޮތީ 24 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައެވެ. ދެވަނައިގައި 24 ޕޮޮއިންޓާއެކީ އަދި ގޯލުގެ ތަފާތުން ކުރި ހޯދައިގެން، މެންޗެސްޓަރ ސިޓީ އޮތްއިރު، ލީގުގެ އެއްވަނައިގައި 25 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ. އާސެނަލް އަތުން މިއަދު ޕޮއިންޓެއް ހޯދި ޓޮޓެންހަމް އޮތީ، 21 ޕޮއިންޓާއެކީ ލީގުގެ ފަސްވަނައިގައެވެ.
ލީގުގައި އާސެނަލް އަށް ދެން ކުރިޔައް އޮތީ ޔުނައިޓެޑު މެޗެވެ. އަދި ޓޮޓެންހަމް އަށް އޮތީ ވެސްޓްހަމް ޔުނައިޓެޑުގެ މެޗެވެ.



