
ބޭލްގެ ލަނޑުތަކުން މޮޅުވެ ރެއާލް ފަސް ޕޮއިންޓްގެ ލީޑަކާއެކު ލީގުގެ އެއްވަނާގައި ހަމަޖެހިލައިފި
ސްޕެނިޝް ލީގުގައި މިއަދު ހަވީރު ރެއާލް މެޑްރިޑާއި ލެގިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނާގައި ފަސްޕޮއިންޓުގެ ލީޑެއް ރެއާލް މެޑްރިޑުން ނަގައިފިއެވެ.
މިއަދު ކުޅުނު މި މެޗުން ލެގިއާއަތުން ރެއާލް މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި، އެޓީމު ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ރެއާލްގެ ފުރަތަމަ ގޯލް ޖަހާ މެޗުގެ ލީޑުނަގާފައިވަނީ ރެއާލް މެޑްރިޑުންނެވެ. މެޗުގެ 38 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ. ރެއާލްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އެންމެ ފަހު މިނެޓުގައެވެ.
މި ލަނޑުވެސް ރެއާލް އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ގެރެތް ބޭލްއެވެ.
މި އީ މިފަހަރުގެ ސީޒަނުގައި ބޭލް ރެއާލްއަށް ކާމިޔާބުކޮށްދިން 5 ވަނަ ލަނޑެވެ.
ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ރެއާލްއިން ނިންމާލިއިރު ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ.
މި މޮޅާއެކީ ލީގުގެ އެއްވަނައިގައި ރެއާލް އޮތީ، 27 ޕޮއިންޓާއެކީގައެވެ. ލީގުގެ ދެވަނައިގައި ރެއާލްއަށްވުރެ އެއް މެޗު މަދުންކުޅެ، 22 ޕޮއިންޓާއެކީ އޮތީ ބާސެލޯނާއެވެ. އަދި 21 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައި އޮތީ، އެތްލެޓިކޯ މެޑްރިޑެވެ.
މިއަދުގެ މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ރެއާލްއިން ނަގާފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ރެއާލް އަދި ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް ތިންމެޗުން އެއްވަރުވެފައިވެއެވެ.
ލީގުގައި ރެއާލްދެން ބައްދަލުކުރާނީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާއެވެ.



