ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ޕާކިންގ ޖާގަ ކުއްޔަށް ދޫކުރަނީ

ފިތުރޯނު ސްމާޓް ޕާކިން ޒޯނުން، ޕާކިންގ ޖާގަ ކުއްޔަށް ދޫކުރުމަށް އާބަންކޯއިން ނިންމާއިފިއެވެ.
އާބަންކޯއިން ކޮށްފައިވާ އިއުލާނުގައި ވަނީ އާބަންކޯގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ތައްޔާރުކުރި ސްމާޓް ޕާކިންގ ސޮލިއުޝަން ހިމެނޭ ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ބީލަމުގެ އުސޫލުން ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް ނިންމާއި އިއުލާނު ކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ކާރީގައި ގާއިމުކޮށްފައިވާ އެ ޕާކިން ޒޯނުން ދިގު މިނުގައި 4.8 މީޓަރު އަދި ފުޅާ މިނުގައި 2 މީޓަރު ހުންނަ 23 ކާރު ޕާކިންގ ޖާގަ އަށް ވަނީ ހުޅުވާލައިފައި ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އެ ގޮތުން 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އެ ޕާކިންގ ޖާގަ ތަކުގެ ބީލަން ފެށޭ އަގަކީ 1500 ރުފިޔާ ކަމަށް ވެސް  އާބަންކޯއިން ވަނީ ބުނެފައެވެ. އާބަންކޯއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބީލަން ހުށަހަޅާ ފަރާތުގައި ހުންނަށްޖެހޭ މައިގަނޑު ޝަރުތަކުގެ ތެރޭގައި، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، ޕާކު ކުރަން ހުށައަޅާ އުޅަނދަކީ ބީލަން ހުށަހަޅާ ފަރާތުގެ ނަމުގައި ގްރޭޓަރ މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަދަކަށްވާން ޖެހޭނެ ކަމަށެވެ. އަދި މީގެ ކުރިން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން އެއްވެސް ޕާކިންގ ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓް، އަދި ފިތުރޯނު މަގުގައި ދިރިއުޅޭ ފަރާތްތަކަށާއި ކުރިން ފިތުރޯނު ޕާކިންގގ ޒޯނުން ހުޅުވާލި ބީލަން ކާމިޔާބު ކުރި ފަރާތްތަކަށް 20 ޕޮއިންޓް ކަނޑައަޅަފައިވާ ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.
އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ އެ ސްމާޓް ޕާކިންގ ޒޯނުގައި ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަވާނެ ވަރަށް ގިނަ ކަންކަން ހިމެނޭނެ ކަމުގައި ވެސް އާބަންކޯއިން ވަނީ ބުނެފަ. އެ ގޮތުން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ. އެ ގޮތުން އޮޓަމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި މެޝިން ލާރނިންގ (އެމްއެލް) ބޭނުން ކުރެވޭނެކަމަށާއި، މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓަމެޓިކުން ފަސޭހަކަމާއިއެކު ކާރަށް ޕާކިން ޒޯނަށް ވަނުމާއި ނުކުމެ ހެދޭނެކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އެ ޕާކިން ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
އާބަންކޯއިން ބުނެފައިވަނީ ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވީ ނަމަވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯނުތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތައާރަފު ކުރެވި ޕާކިންގ ކަންކަމަށް އިންގިލާބީ ބަދަލުތަކެއް ގެނެވިގެންދާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.