ޖަރުމަނު ބުންޑަސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބްރޫޝިއާ ޑޯޓްމަންޑުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު ޗެމްޕިއަން ބަޔާން މިއުނިކް ޑްރޯއަކުން ފުއްދާލަން ޖެހިއްޖެއެވެ.
ޑޯޓްމަންޑް ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ ރަށުން ބޭރުގައި ހެމްބާގް އާއި ބައްދަލުކޮށް 2-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޑޯޓްމަންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޑޯޓްމަންޑުން މި މެޗުގައި ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލް ކާމިޔާބުކުރީ އެޓީމުގެ އިތުބާރު ފޯވާޑް ޕިއެރޭ އެމެރިކް އޯބަމަޔަންއެވެ. އޭނާ ލަނޑުތައް ކާމިޔާބުކުރީ މެޗުގެ 4 ، 23 ، 27 ، 48 ވަނަ މިނެޓުގައެވެ. މި މެޗުގައި އޯބަމަޔަންގް ހެޓްރިކް ފުރިހަމަކޮށްފައިވާއިރު ޑޯޓްމަންޑްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑެމްބެލޭއެވެ.
މި މެޗުގައި ހެމްބާގްއިން ކާމިޔާބުކުރި ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ ނިކޮލައި މުލާއެވެ.
މި ނަތީޖާއާއެކު ޑޯޓްމުންޑް ވަނީ 18 ޕޮއިންޓާ އެކު ލީގުގެ 5 ވަނައަށް ޖެހިލާފައެވެ. އެޓީމާ އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ކޮލޯން އަށް ވެސް 18 ޕޮއިންޓް ލިބިފައިވާއިރު ޑޯޓްމުންޑް ފަސްވަނައަށް އެރީ ގޯލްގެ ތަފާތުންނެވެ.
ޑޯޓްމުންޑް އަތުން ބަލިވި ހެންބާގް އޮތީ ލީގުގެ އެންމެ ފުލުގައި ދެ ޕޮއިންޓާއެކުގައެވެ.
ބަޔާން މިޔުނިކް ރޭ ކުޅުނު މެޗުން އެޓީމު އެއްވަރުވީ ހޮފެންހެއިމް އާއި ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުންނެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ހޮފެންހެއިމްއިންނެވެ. މި ގޯލް މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެމިރާބީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންއިން ވަނީ، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލަކީ ހޮފެންހެއިމްގެ ސްޓީވެން ޒުބާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްވެސް ނިމިގެންދިޔައީ ފޯރިގަދަ ކުޅުމަކަށް ފަހު އެއްވެސް ޓީކަމަށް ގޯލެއް ނުޖެހިއެވެ. އެހެން ނަމަވެސް ދެޓީމަށްވެސް ވަނީ ގޯލްޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭނުންނުކުރެވި ބޭކާރުވެފައެވެ.
ރޭގެ މެޗުން އެއްވަރުވި ނަމަވެސް 24 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ބަޔާންއެވެ. ލީގުގެ ދެވަނައިގައި 21 ޕޮއިންޓާއެކީ ލެއިޕްޒިގްއެވެ.