
ޗެލްސީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ލީގުގެ އެއްވަނައަށް ޖެހިލައިހި
އެވަޓަންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައި ޕްރިމިއަރ ލީގުގެ އެއްވަނަ މަގާމަށް ޗެލްސީ ޖެހިލައިފިއެވެ.
ރޭކުޅުނު މެޗުން އެވަޓަންގެ މައްޗަށް ޗެލްސީން ކުރިހޯދީ 0-5 ގެ ނަތީޖާއިންނެވެ.
މި މޮޅާއެކީ ޗެލްސީ ލީގުގެ އެއްވަނައިގައި އޮތީ 25 ޕޮއިންޓާއެކީގައެވެ. ނަމަވެސް ލީގުގައި މާދަމާ ކުޅޭ މެޗުތަކުން އާސެނަލް ނުވަތަ ލިވަޕޫލް މޮޅުވިޔަސް، ލީގުގެ އެއްވަނަ މަގާމު ޗެލްސީއަށް ގެއްލޭނެއެވެ. ޗެލްސީ އަތުން މިރޭ ބަލިވި އެވަޓަން އޮތީ، 18 ޕޮއިންޓާއެކީ ލީގުގެ ހަވަނަ މަގާމުގައެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 19 ވަނަ މިނެޓްގައި ޗެލްސީން ވަނީ އެޓީމުގެ ފުރަތަމަ ކަނޑު ޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ.
އަދި އޭގެ ފަސްވަރަކަށް މިނެޓުފަހުން ޗެލްސީން ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހާ ލީޑުފުޅާކޮށްފައެވެ.
މި ލަނޑު ޖަހައިދިނީ ޗެލްސީގެ ފުލްބެކް މާކަސް އޮލޮންސޯއެވެ.
އަދި ފުރަތަމަ ހާފް ނިމެމުން ދަނިކޮށް މެޗުގެ 42 ވަނަ ނިނެޓުގައި ޗެލްސީން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ލީޑު އިތުރައް ފުޅާކޮށްފައެވެ.
މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާއެވެ. މިއީ ކޮސްޓާ މިފަހަރު ލީގުގައި ޗެލްސީއަށް ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. އެހެންކަމުން ކޮސްޓާ ހިމެނެނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގެ، ލަނޑު ލިސްޓުގެ އެންމެ ކުރީގައެވެ.
ޗެލްސީގެ ހަތަރުވަނަ ގޯލް މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ. އަދި އެޓީމުގެ ފަސްވަނަ ގޯލް މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕެޑްރޯއެވެ.
މިއަދުގެ މެޗުގައި ދައްކުޅުމެއް ފެނިގެންދިޔަ އެވަޓަންގެ މައްޗަށް ތަފާތު ބޮޑުކޮށް ޗެލްސީން ހޯދިއިރު މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން މޮޅުވި ފަސްވަނަ މެޗެވެ.
ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ރޭ ސިޓީއާ ކުޅެ އެއްވަރުވި މިޑިލްސްބަރާއާއެވެ. އެ މެޗު ކުޅޭނީ އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 20 ވަނަ ދުވަހުގެރެއެވެ.



