
ނ.މާޅެންދުއާއި ނ.ހެނބަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްކުޅެފި
ނ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ބާއްވާ ޝިޔާމް މަޢުރޫފް ސޮކާކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިއަދު ނ.މާޅެންދޫގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ. މި މެޗްގައި ބައްދަލުކުރީ ނ.މާޅެންދޫ ފުޓްބޯޅަ ޓީމާއި ނ.ހެނބަދޫ ފުޓްބޯޅަ ޓީމެވެ. މި މެޗްގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއްް ފެނިގެން ދިޔައިރު ދެޓީމުން ވެސް ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗްގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެެވެ.

އެކުވެރިކަމުގެ މި މެޗްގައި ފުރަތަމަ ކުރި ހޯދީ ހެނބަދޫ ޓީމުންނެވެ. މާޅެންދޫ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ހެނބަދޫ ޓީމުގެ ދެވަނަ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން، އެޓީމުގެ ހުނަރުވެރި ފޯވާޑް މުޙައްމަދު ވަހީދު (ކޮއްކީ) އެވެ. މާޅެންދޫ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިތާ މާގިނައިރެއްނުވެ، ހެނބަދޫ ޓީމުގެ 3 ވަނަ ލަނޑު، މެޗް ނިމެން ކުޑަތަން ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ރަމީޒް (އިއްބެ) އެވެ.
މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނ.ކެނދިކުޅުދޫގައެވެ. ވޭތުވެދިޔަ ދެ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ދަނީ މި މުބާރާތަށް، މުޅި ނޫނު އަތޮޅު ތައްޔާރުވަމުންނެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ނ. އަތޮޅުގައި ކުޅިވަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.



