އިންޑިއާގެ ނިއުދިއްލީގައި މިހާރު ހިނގަމުންދާ 7 ވަނަ އޭޝިޔަން މިނިސްޓީރިއަލް ކޮންފަރެންސް( އޭ.އެމް.ސީ.ޑީ.އާރް.އާރް) ގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ބަޔާން އިއްވަވައިފިއެވެ.
ހަތް ވަނަ އޭޝިއަން މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ފެށިފައިވަނީ 2016 ނޮވެމްބަރ 2 ގައި އިންޑިއާގެ ނިއުދިއްލީގައެވެ.
މިކޮންފަރެންސަކީ 3 ވަނަ ”ވަރލްޑް ކޮންފަރެންސް އޮން ޑިޒާސްޓަރ ރިސްކް ރިޑަކްޝަން“ ކޮންފަރެންސްގައި ޤައުމުތަކުން އެކުލަވާލައި ބަލައިގަނެފައިވާ ”ސެންޑާއީ ފްރޭމް ވޯރކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން“ އަށް ފަހު އެކިއެކި ޤައުމުތަކުން ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލް ކުރެވެމުންދާ މިންވަރު ދެނެގަތުމާއި ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ނިންމާފައިވާ ނިޒާމްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރާ ކޮންފަރެންސެކެވެ.
މިނިސްޓަރ އާދަމް ޝަރީފް މިއަދު ދެއްވި ބަޔާނުގައި ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޤައުމުތަކުން އަވަސް ފިޔަވަޅުތައް އެޅުމަށާއި މިކަމަށް އިޖާބަދިނުމަށް އުފެއްދުންތެރި ބިނާކުރުވަނިވި ގޮތްތައް ބޭނުންކުރުމުގެ މުޙިއްމުކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ”ސެންޑާއި ފްރޭމްވޯރކް ފޮރ އެކްޝަން ގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް އާއި ޕެރިސް އެގްރީމަންޓްގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ސަރަޙައްދީ ޤައުމުތައް އެއްކޮށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިޘާތައް އިތުރުވަމުންދާ ކަމީ ސަރީޙަކޮށް ފެންނަން އޮތްކަމެއްކަމުގައި މިއަދު ޤަބޫލުކުރަންޖެހޭ ކަމަށާއި ކާރިޘާތައް ކުރިމަތިވުން އިތުރުވަމުން މިދާ މިންވަރުގައި ރާއްޖެ ކަހަލަ ކުޑަ ޤައުމުތަކަށް ކުރިމަތިވާ ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަވަސް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައްވާފައެވެ.
މިނިސްޓަރ ގެ ބަޔާނުގައި ކާރިޘާތަކުން ލިބޭގެއްލުންތައް ކުޑަކުރުމުގެ ގޮތުން ސަރަޙައްދީ ޤައުމުތަކުން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް އެހެން ޤައުމުތަކާއި ޙިއްސާކުރެވޭނެ ސަރަޙައްދީ ނިޒާމެއް އޮތުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ސާރކުގެ ޤައުމުތަކުގެ ވެރިންނަށް މިނިޒާމް ބަލައިގަތުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ކާރިޘާތަކުން އިޖާބަދިނުމުގައި ސަރަޙައްދީ ޤައުމުތަކުގެ އެއްބާރުލުން ލިބުން މުޙިއްމުވާނެ ކަމަށާއި މިގޮތުން 2011 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވި 17 ވަނަ ސާރކްސަމިޓުގައި ސާރކް މެންބަރު ޤައުމުތަކުން ތަސްދީޤުކޮށްފައިވާ ”ސާރކް ރެޕިޑް ރެސްޕޮންސް އެގްރީމަންޓް“ ތަންފީޒު ކުރެއްވުމަށް ސާރކް ޤައުމުތަކަށް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ އެ އެއްބަސްވުމަށް ރާއްޖެއިން ފުރިހަމަޔަށް ތާއިދުކުރާކަން ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރާ މޯދީ ޝަރަފުވެރިކޮށްދެއްވި މިކޮންފަރެންސް ހިނގަމުންދަނީ އިންޑިއާގެ ނިއުދިއްލީގައި މިކޮންފަރެންސަށް ޚާއްސަ ކުރެވިފައިވާ ”ވިޖަޔަން ބަވަން އޮޑިޓޯރިއަމް ގައެވެ. މިކޮންފަރެންސްގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުގެ އަރިހުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ހިންގެވުމާއި ޙަވާލުވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތި ތަސްނީމްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އެކަމަނާ ވަނީ މިއަދުގެ ކޮންފަރެންސްގެ މިނިސްޓީރިއަލް ސްޓޭޓްމަންޓް ސެޝަން ޗެއަރ ކުރައްވާފައެވެ.
އޭ.އެމް.ސީ.ޑީ.އާރް.އާރް 2016 މިހިނގާ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ދާނެއެވެ.