
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމަށް ދެކުނު ކޮރެއާ އާއެކު މަޝްވަރާ ކޮށްފި
ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ސީނިއަރ ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް ފޮރ ޕޮލިޓިކަލް އެފެއާޒް، ހިޒް އެކްސަލަންސީ ލީ ޖިން ބޮކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ޤާއިމުކުރުމަށާއި، ދެ ޤައުމުގެ މަސްލަޙަތާއި ގުޅޭ ދާއިރާތަކުން ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ތަޢުލީމާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމާއި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ޙާޞިލްކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވެވިއެވެ.
ހަމަމިއާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކޮރެއާ ސަރުކާރުން ރާއްޖެއަށް ދެއްވި ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެއިން ދެކުނު ކޮރެއާއާއެކު ސިޔާސީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.