
ކުޑަގިރި ތަރައްގީކޮށް ރަސްމީކޮށް ހުޅުވައިފި
މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.
މިރަށް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އެއްކަމަކީ ޖަޒީރާ ވަންތަ ދިރިއުޅުންކަން ފާހަގަކުރައްވައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އުފާވެރިކަން ލިބެމުންއައި ކުޑަބަނޑޮސް ވެސް މީގެ 10 ވަރަކަށް އަހަރުކުރިން އޭރުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އެރަށް އަތުލައި އެރަށަށް ދިވެހިންނަށް ނުދެވޭގޮތް ހަދާފައިވާކަން ފާހަގަކުރެއްވިއެވެ.
މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރިމަތިވެފައި އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަމާއި މިއަދު ހުޅުވުނު ކުޑަގިރި ޕިކްނިކް އައިލެންޑާއެކު މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން އެފުރުޞަތު އަލުން ފަހިކޮށްދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަން ފާހަގަކުރައްވައި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި ޢާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަންނާނެކަމަށާއި ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެރަށުގެ ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވަމުން ދިއުމަށްވެސް އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ރަސްމިއްޔާތެއްގައި އެމަނިކުފާނު ވިދާޅުވެފައިވާފަދައިން ކިޔަވާކުދިން ދަތުރު އައިސް، ސްކައުޓާއި ގައިޑް ހަރަކާތްފަދަ ހަރަކާތްތަކުން ކޭމްޕްގޮސް ހެދުމަށް ކުޑަގިރިއާ ޖެހިގެން ކުޑަރަށެއް ތަރައްޤީކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންނަކީ ޖަޒީރާ ދިރިއުޅުމަކަށް ލޯބިކުރާ ބައެއްކަމަށާއި މިހާރު މާލެސިޓީގެ ރައްޔިތުންނަށް ކުޑަގިރި ޕިކްނިކް އައިލެންޑާއެކު ލިބިގެންދަނީ ޢާއިލާއާ ރަހުމަތްތެރިންނާއެކު ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތުކަން ފާހަގަކުރެއްވިއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ބަންދުދުވަސްތަކުގައި ހިލޭ އެރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެރަށުގައި ފުޓްސަލްއާއި ވޮލީވެސް ކުޅެވޭގޮތަށް އަދި ވޯޓާ ސްލައިޑްއާއި ކުޑަކުދިން ކުޅޭ ސަރަޙައްދާއި މިސްކިތާއި ޗޭންޖިން ރޫމާއި ރީޓެލް ފިހާރައާއި ކެފޭފަދަ ބޭނުންވާ މި ނޫންވެސް އެތައް ޚިދުމަތަކާއެކު ޢާއިލާއާ ރަހުމަތްތެރިންނާއެކު އުފާވެރި ޖަޒީރާވަންތަ ވަގުތުކޮޅެއް ހޭދަކޮށްލެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ހަމަ އެހެންމެ މިރަށުގައި ބާބެކިއު ހަދާނެ ތަންތަނާއި ހަޓްތަކާއި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ވަކިން ޚާއްޞަ ތަނެއް ހުރުމުގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.
ތިއޮތީ ވާ ކަމެއް މި ސަރުކާރަށް ވެފަ ދޯ!