އ.ދ. ގެ އޯޝަންސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރ ޝައުނާ ބައިވެރިވެވަޑައިގެންފި

އ.ދ. އޯޝަންސް ކޮންފަރެންސްގައި “އެޑްރެސިންގ މެރިން ޕޮލިއުޝަން” ގެ ނަމުގައި ކުރިޔަށްދިޔަ އިންޓަރެކްޓިވް ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައި މިނިސްޓަރ ޝައުނާ، ޕޯޗުގަލްގެ ލިސްބަންއަށް ވަޑައިގެންފައިވާއިރު އޯޝަން ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށައަޅާ ސްޓޭޓްމަންޓް މިނިސްޓަރ ޝައުނާ ހުށަހަޅުއްވައި ދެއްވާނެއެވެ.

އިޝްތިހާރު Navee1 jpg

އިންޓަރެކްޓިވް ޑައިލޮގްގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޝައުނާ ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ދިރިއުޅުމާއި އަދި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ކަނޑުފަޅުގެ ދިރުމާއި މުރަކައިގެ ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު

ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭނާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގެ ދަށުން މި ސަރުކާރުން، މަދުވެގެން މުރަކައިގެ ފަރުތަކުގެ 10 އިންސައްތަ ހިމާޔަތްކުރުމާއި ކުޅި ކަނޑޫފާފަދަ ތަންތަނުގެ 20 އިންސައްތަ އަދި 2023 ގެ ނިޔަލަށް ކޮންމެ އަތޮޅަކުން މުރަކައިގެ ސަރަޙައްދެއް ހިމާޔަތްކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި 79 ތަނެއް ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ މުރަކައިގެ ފަރުތަކުގެ 14 އިންސައްތަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކު ކުނިބުނި އުފެދޭ މިންވަރު ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވަމުން ގޮސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިހާރު އަހަރެއްގެ މައްޗަށް 400 މިލިޔަން ޓަނުގެ ޕްލާސްޓިކް ކުނިބުނި އުފެދޭކަމުގައެވެ. މި ކަމުގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ ޕްލާސްޓިކު ކުނިބުނީގެ ތެރެއިން އަލުން ބޭނުންކުރެވެނީ އެންމެ 9 އިންސައްތަކަމަށާއި ބާކީބައި ދަނީ ލޭންޑްފިލްތަކާއި އަދި ކަނޑުތައްވެސް ހިމެނޭގޮތަށް ވެއްޓަށް ގެއްލުންވާ ތަންތަނަށް ކަމުގައެވެ.

މިނިސްޓަރ ވަނީ ކަނޑުގެ ދިރުންތަކުންނާއި އިންސާނުންގެ ހަށިގަނޑުންވެސް މިހާރު މައިކްރޯ ޕްލާސްޓިކް ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. ޕްލާސްޓިކުން ތަޣައްޔަރު ވުމުގެ ސަބަބުން ނާޒުކު ގުދުރަތީ ނިޒާމަށް އަސަރުކޮށް ދިރޭ ތަކެތީގެ ބައެއް ނިޒާމުތަކާއި ނަސްލުތައް ނެތިދިއުމަށް މަގުފަހިވާކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝައުނާ ވަނީ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުންނާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް އެތެރެކުރުމާއި، އުފެއްދުމާއި، ވިއްކުން މަނާކުރުމާއި، އަދި އޭގެ އިތުރުން، ކުނި އުކާލުމުގައި ކުނީގެ ބާވަތްތައް ވަކިކުރުމާއި، ރީސައިކަލް ކުރުމާއި، ކުނި މަދުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ވާހަކަދައްކަވާފައެވެ.

ގިނަ ޤައުމުތައް އެކުވެގެން މިކަމުގައި މަސައްކަތްކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވަމުން އ.ދ.ގެ ތިމާވެށްޓާއި ބެހޭ އެސެންބްލީގެ ފަސް ވަނަ ސެޝަނުގައި ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ބައިނަލްއަގްވާމީގޮތުން އަމަލުކުރަން ލާޒިމު ކަރުދާހެއް އެކުލަވާލުމަށް ގިނަޤައުމުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ މަޝްވަރާކޮމިޓީއެއް އުފެއްދުމަށް ގޮވާލި ގޮވާލުމަށް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.