
ރަމަޟާން މަހުގައި ހިފި ރޯދަ ފުރިހަމަ ކޮށްދެއްވުމަށް ފިޠުރު ޒަކާތް ޝަރުޢު ކުރައްވާފައިވޭ: ހުކުރު ޚުތުބާ
21 ރަމަޟާން 1443 – ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ގުނަމުންދާއިރު މިއަދުގެ ހުކުރު ޚުތުބާ ޙާއްސަ ކޮށްލާފައި ވަނީ ޒަކާތުގެ މުހިއްމު ކަމުގެ މައްޗަށެވެ. އެގޮތުން ފިޠުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި ކުލުނާއި އެކުވެރިކަން ޤާއިމް ވެގެންދާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. އަދި ޢީދުގެ އުފަލުގައި އެންމެންނަށް ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މާތް ﷲ މުސްލިމުންގެ މައްޗަށް ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ މަތިވެރި މާތް މަޤްސަދު ތަކަކަށް ޓަކައި ކަމަށާއި، އޭގެތެރޭގައި ފަޤީރުން ޢީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި އެމީހުންގެ އެދުވަހުގެ މުހުތާދުތައް ފުއްދައި ދިނުމާއި، ޢީދު ދުވަހުގެ އުފަލުގައި އެބައިމީހުން ބައިވެރި ކުރުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފިޠުރު ޒަކާތަކީ އަތްމަތި ދަތި ހާލުގައި ވެސް ހޭދަ ކުރުމަށް މުސްލިމުންނަށް ދެވޭ ތަމްރީނެއް ކަމުގައްޔާއި، މުސްލިމުންގެ އަތްތައް އަބަދުވެސް ވާންޖެހޭނީ ހޭދަކުރާ އަތްތަކެއް ކަމުގައި ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. އަދި މި ޒަކާތުގެ ސަބަބުން އަހަރުތެރޭގައި އެންމެ ދުވަހަކު ނަމަވެސް ހޭދަކުރި މީހަކު ކަމުގައި ވެގެންދާނެއެވެ.
މުސްލިމުންގެ މައްޗަށް ފިޠުރު ޒަކާތް ޝަރުޢު ކުރެއްވީ ރޯދަ ފަރުޟު ކުރެއްވި އަހަރުއެވެ. އެއީ ހިޖްރައިން ދެވަނަ އަހަރުގެ ޝަޢްބާން މަހުގައެވެ. އެއިރު އަދި މުދަލު ޒަކާތް ފަރުޟެއް ނުކުރައްވައެވެ. ނަބިއްޔާގެ ޙަދީޘުން ސާބިތުވާ ގޮތުގައި، ފިޠުރު ޒަކާތް ނެރެން ޖެހެނީ ޞާޢެއްގެ މިންވަރުންނެވެ. ޞާޢަކީ ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ. މިއީ ކޮންމެ މިނިވަން މުސްލިމް އަންހެނެއް ވެސް އަދި މިނިވަން މުސްލިމް ފިރިހެނެއް ވެސް ނެރެން ޖެހޭ ވަރެވެ. އަދި މިކަމުގައި ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އަދި ހުރިހާ އިސްލާމީ ޖަމާޢަތަކުން ވެސް މިހާރު ކަންކުރާ ގޮތަކީ 2.4 ކިލޯގްރާމަށްވާ ފައިސާ އިން ފިޠުރު ޒަކާތް ނެރުން ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ފިޠުރު ޒަކާތަކީ ތިމާއާއި ތިމާ ޚަރަދުދީ ބަލަހައްޓަން ޖެހިފައިވާ މީހުންނަށް ޢީދު ދުވަހާއި ޢީދު ވިލޭރެއަށް ބޭނުންވާ ކާބޯތަކެތި ހުރެ، އިތުރު ވެއްޖެނަމަ ދޭން ޖެހޭ އެއްޗެކެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމުގެ ކުރިން މަރުވި މީހާއާއި އަދި ޢީދު ވިލޭރޭ އުފަންވި ކުއްޖާގެ މަތިން ފިޠުރު ޒަކާތް ނެރޭކަށް ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ކުޑަކުދިން ބާލިޣު ވަންދެން، އަދި އަންހެން ކުދިން ބާލިޣު ވިޔަސް މީހަކާއި ކައިވެނި ކުރަންދެން އެކުދިންގެ ޒަކާތް ނެރުން އެކުދިންގެ ބައްޕައަށް ވާޖިބު ވާނެއެވެ.
ޖުމްހޫރީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ފިޠުރު ޒަކާތް ވާޖިބު ވެފައިވާ މީހަކު، ޒަކާތް އަދާ ކުރުމުގެ ކުރިން މަރުވެއްޖެނަމަ އޭނާގެ ތަރިކައިން އެޒަކާތް އަދާ ކުރަން ޖެހޭނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޒަކާތް ނެރެންޖެހޭ ވަގުތާއި ބެހޭގޮތުން ޚުތުބާގައި ބުނެފައި ވަނީ، ރަމަޟާން މަހަށް ހަނދު ފެނުމުން ފިޠުރު ޒަކާތް ނެރެވިދާނެ ކަމަށާއި، އެހެން ނަމަވެސް ޢީދު ނަމާދަށް ވުރެ ޒަކާތް ނެރުން ލަސްކޮށްގެން ނުވާނެ ކަމަށެވެ. ޢީދު ނަމާދުގެ ފަހުން ޒަކާތް ނެރެފިނަމަ އެވާނީ ޒަކާތަށް ނޫން ކަމަށާއި، އެވާނީ ސަދަޤާތަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
ފިޠުރު ޒަކާތް ނެރުން ވާޖިބު ވެގެންވަނީ އޮއްޓަރު ހުރި ގޮވާމުގެ ތެރެއިން އެރަށެއްގައި އެއަހަރަކު އާންމުކޮށް ކާން ގެންގުޅޭ ބާވަތަކުންނެވެ. ގޮވާމުގެ އަގަށްވާ ފައިސާއިން ވެސް ނެރެވިދާނެއެވެ. މިޒަމާނުގައި ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއަދު ފަޤީރުންނަށް ފައިދާ ބޮޑީ ފައިސާއިން ޒަކާތް ދެއްކުމުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ރަމަޟާން މަހުގައި އަހަރެމެން ހިފި ރޯދަ ފުރިހަމަ ކޮށްދެއްވުމަށް އަހަރެމެންގެ މައްޗަށް ފިޠުރު ޒަކާތް ޝަރުޢު ކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އައީ އަހަރެމެން ހިފި ރޯދައިގައިވާ އުނި ކަންތައްތަކެއް ފިލުއްވައިދެއްވުމަށް ޓަކައެވެ.
ރަސޫލުﷲ (ސައްލަﷲ އަލައިހި ވަސައްލަމް) ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ފިޠުރު ޒަކާތަކީ ހަޑިހުތުރު ޢަމަލު ތަކުންނާއި، އެފަދަ ބަސްތަކުން ރޯދަވެރިޔާ ޠޯހިރު ކޮށްދޭ އެއްޗެކެވެ. އަދި އެއީ މިސްކީނުންނަށް ދެވޭ ކެއުމެކެވެ.“